އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކުރާ ގޭކައިރީގައި އިހުތިޖާޖުކޮށް އާއްމުންގެ އުދާސްތައް އިއްވާލައިފިއެވެ.
އެ އެއްވުމުގައި ވާހަކަދެއްކި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެމްބަރަކު ވިދާޅުވީ މި ގައުމު ދަނީ ހަލާކުގެ ތެރެއަށް ކަމަށެވެ. ރިޔާސީ ބަޔާނުގައި ކުރިން ވީ ވައުދުތައް ތަކުރާރުކުރައްވަމުން ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ އުންމީދެއް ނެތް ރިޔާސީ ބަޔާނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ވަނީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ރައްޔިތުންގެ ކުރިމައްޗަށް ރިޔާސީ ބަޔާނާއި އެކު އަންނަން ލަދުގަންނަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު އަކީ އާއްމުންގެ އަޑު އެހޭނެ ވަރުގެ ޤާބިލްކަމެއް ހުރި މީހެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި މި ސަރުކާރުން ވަނީ ގައުމު ދަވާލާފައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެ އިހުތިޖާޖް ތެރެއިން ވާހަކަދެއްކި ޒުވާނެއް ކަމަށްވާ އައިކު އަހުމަދު އީސާ ވަނީ ސަރުކާރުން އާއްމުންނަށް ގައްދާރުވެފައި ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންނަށްޓަކާ އެތައް ވައުދެއް ވެގެން އައިސް ރައީސް މުއިއްޒު ކުރައްވާ ކަމަކީ ރައްޔިތުންނަށް ދޮގު ހެއްދެވުން ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުގެ މެމްބަރުންގެ އަޑު އިއްވަން ތިބި މެމްބަރުންނަށް އަނިޔާކޮށް އާއްމުންގެ އަޑު ކަނޑުވާލަމުންދާ ކަމަށާއި އެ ކަންކަމާއި މެދު ޖަވާބުދަރީކުރުވޭނެ ދުވަހެއް އަންނާނެ ކަަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އިތުރު މީހަކު ބުނީ ދައުލަތުގެ ބޮޑުން ދަނީ އެކަކު އަނެކަކާއި ވާދައަށް ވައްކަން ކުރަމުން ކަަމަށެވެ. ނަމަވެސް އެކަންކަން ބެލޭނެ ނިޒާމެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެފަދަ ކުށްތައް ނުބެލޭ ނަމަ ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްތިއުފާދެއްވުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ އެއްވުމުގައި ފްލެޓާއި ގޯތީގެ މައްސަލައިގައި މުޒާހަރާކުރާ އާއްމުން ވަނީ ގޯތިގެދޮރު ހޯދާދޭނެ ކަމަށް ބުނެ އިތުރަށް ވައުދެއް ވުމުގެ ކުރިން ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް ދޭން ޖެހޭ ކަމަށް ބުނެފައެވެ. އެ ފްލެޓާއި ގޯތިތައް ދިން ތަނަކުން ދިން ގޮތަކަށް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވުމާއި އެކު އިތުރު އުޒުރަކާއި ނުލާ އެ ވައުދު ފުއްދަން ޖެހޭ ކަމަށް އާއްމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓެކްސީ ޑްރައިވަރަކު އެ އިހުތިޖާޖުގެ ތެރެއިން ބުނެފައި ވަނީ ވެރިކަމަށް އަންނަންވުމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންނަށް ދެއްކީ ވަރަށް ހެޔޮ ވެރިއަކަށް ވާނެ ކަމުގެ މޫނު ކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް ވެރިކަމަށް އައިސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި ފުނޑާލާ، ހައްގުތައް ހޯދަން ނުކުންނަ ޑްރައިވަރުންނަށް ބިރު ދައްކަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިހާރު ޓެރަރިޒަމްގެ ދައުވާކޮށް ޓެކްސީ ޑްރައިވަރުން ނިކަމެތިކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެ އެއްވުމުގައި ވާހަކަދެއްކި ކުރީގެ މެމްބަރުންނާއި އެމްޑީޕީޤައުމީ މަޖިލީހުގެ ވަނީ މި މަޖިލީހުން ފެންނަނީ ލަދުވެތި މަންޒަރެއް ކަމަށް ސިފަކުރައްވާފައެވެ. ރައްޔިތުންގެ ބާރުތައް ނަގާލުމަށް ފަހު ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާފައި ވަނީ ކޮން ބަޔަކަށް އިއްވުމަށްތޯ އެ ބޭފުޅުން ސުވާލު އުފެއްދެވިއެވެ. މަޖިލީހުގައި އެ މަނިކުފާނަށް ތާއީދު ނުކުރާ މީހުންގެ އަޑު ކަނޑާލުމަށް ފަހު ރިޔާސީ ބަޔާން އިއްވުމުން ރައީސް މުއިއްޒު އަށް ތަހައްމަލްކުރުމުގެ ޤާބިލްކަން ލިބިފައި ނެތްކަން އެނގޭ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ސަރުކާރުން ވަނީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލާ މަޖިލީހާއި މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާފައި ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.