ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 23:26
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ
ރާއްޖެއެމްވީ
ފުލުހުންގެ އޮނިގަނޑަށް ބަދަލު ގެނައުން
ފުލުހުންގެ އޮނިގަނޑަށް ބަދަލު ގެނެސް، ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރާ ޔުނިޓް އުވާލަނީ
ފުލުހުންގެ ބައެއް އިސްބޭފުޅުން ކުރައްވާ ބައެއް މަސައްކަތްތަކުން އެކަހެރިކުރުމާއި، ޔުނިޓްތައް ބަދަލު ކުރުމަށް ވަނީ ނިންމާފައި
މި ނިންމުން އެގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ޕްރެޝަރާ ގުޅިގެން
ފުލުހުންގެ ތަރުޖަމާން ވިދާޅުވެފައިވަނީ ގޭންގުތަކާ ދެކޮޅަށް ގާއިމްކުރި ޔުނިޓް އުވާނުލާނެ ކަމަށް، މިއީ ދޮގެއް ކަމަށް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބަދަލު ގެނެސް، ގޭންގުތަކާ ދެކޮޅަށް މިސަރުކާރުން ގާއިމްކުރި ޔުނިޓް އުވާލަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބަދަލު ގެނެސް، ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ އިސްވެރިން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ބައެއް ބޭފުޅުން ވަކި ޔުނިޓްތަކަށް ބަދަލުކޮށް، ބައެއް މަސްއޫލިއްޔަތުން އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ގޭންގުތަކާ ދެކޮޅަށް މިސަރުކާރުން ގާއިމްކުރި ޔުނިޓަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެޔުނިޓް އުވާލައި، ކުރިން އޮތް ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން އެގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ޕްރެޝަރާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފުލުހުންގެ އާ އެކްޝަން ޕްލޭނާއެކު އަލަށް އެކުލަވައިލާ ތަންތަނުގެ ތެރޭގައި ގޭންގް ކްރައިމް އެންފޯސްމަންޓު ޔުނިޓެއް ހިމެނެއެވެ. އަދި، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑާއި ހުޅުމާލެ ޕޮލިސް ވަކި ކޮމާންޑަކަށް ވަނީ ބަދަލުކޮށްފައެވެ. މި އެކްޝަން ޕްލޭނަށް އަމަލުކުރަން ފަށާފައިވަނީ 1 ޖުލައި 2024 ގައެވެ.

މީގެ އިތުރުން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާ ބައެއް އިސްބޭފުޅުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތަކުން އެކަހެރިކުރުމާއި، ޔުނިޓްތައް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މުހައްމަދު ރިޔާޒު، ފަރުހާދު ފިކުރީ އަދިވެސް އެހެނިހެން ބޭފުޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑަށް ބަދަލު ގެނެސް، ގޭންގުތަކާ ދެކޮޅަށް މިސަރުކާރުން ގާއިމްކުރި ޔުނިޓް އުވާލުމަށް ނިންމާފައިވޭތޯ ރާއްޖެއެމްވީން، ފުލުހުންގެ ތަރުޖަމާނު މުހައްމަދު ޝިފާންއާއި ސުވާލު ކުރުމުން ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި، ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ގޭންގުތަކާ ދެކޮޅަށް ގާއިމްކުރި ޔުނިޓް އުވާނުލާނެ ކަމަށާއި، އެޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

- ކޮމެންޓް