ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 11:43
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން ގާނޫނު އަސާސީގެ ދިފާއު ގައި އިހުތިޖާޖު ކުރަން ވަނީ ނިންމާފައި
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން ގާނޫނު އަސާސީގެ ދިފާއު ގައި އިހުތިޖާޖު ކުރަން ވަނީ ނިންމާފައި
އެމްޑީޕީ
ގާނޫނު އަސާސީގެ ދިފާއުގައި
"ރައްޔިތުންގެ މަޖިލީސް ހުޅުވާދުވަހު އެއްވަނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން"
ބުރާސްފަތި ދުވަހުގެ އެޖެންޑާގައި މައިގަނޑު ކަމަކަށް ހިމެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން
މަޖިލިސް ފަށާ ދުވަހުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް މިހާރު ފޮނުވާފައިވާއިރު އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގަ
މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް އެމްޑީޕީ އިން އަންނަނީ ބުނަމުން

ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މަޖިލިސް ކައިރިއަށް އެއްވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ކަށަވަރުކުރުމަށާ، ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން ގާނޫނު އަސާސީގެ ދިފާއު ގައި އިހުތިޖާޖު ކުރަން ނިންމާ އަންގާރަ ދުވަހު އެކަން ވަނީ އިޢުލާންކޮށްފައެވެ.

ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި އެ އެއްވުމަށް ދާންވީ ސަބަބާއި މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައްް އެއްކޮށް ރައްޔިތުންގެ އަތުން ފޭރިގަނެފައިވާ ކަމަށެވެ. އެ ބާރުތައް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ޖަމާކުރައްވާފައިވާ ކަމަށާއި މަޖިލީސް ކައިރިއަށް ބުރާސްފަތި ދުވަހު އެއްވާ ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީ އަށް ބަދަލު ގެނެސްފައިވާ ކަމަށާއި ރައްޔިތުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ އޮޅުވާލައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީސް އަލުން ހުޅުވާދުވަހު އެތަނަށް އިހުތިޖާޖުކުރަން ދާނެކަން ހާމަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރާއްޖެއެމްވީ އަށް ވިދާޅުވީ މިހާރު މަޖިލީސް ހިނގަނީ ރައީސް މުއިއްޒުގެ އަމިއްލަ ގެކޮޅު ދިމްޔާތު ހިނގާ އުސޫލުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއް ކަމަށާއި މަޖިލީސް ހުޅުވާ ދުވަހު އިހުތިޖާޖަށް ނުކުންނަވަނީ ގެއްލިފައިވާ ރައްޔިތުންގެ ބާރު އަލުން ހޯދާދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގައި ރައްޔިތުންގެ އަޑު ނީވޭ ނަމަ މަޖިލިސް ކައިރިއަށް އެއްވެ ރައްޔިތުންގެ އަޑު އުފުލާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި އެއްވުމާއި ގުޅޭގޮތުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މަހްފޫޒް ސައީދު ރާއްޖެއެމްވީ އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބާރުގެ ރަމްޒެއް ކަަމަށެވެ. އެހެންކަމަށް ވާއިރު މެމްބަރުން ވަކިކުރުމުގެ ބާރު މިހާރު އޮތީ ޕާޓީއެއްގެ ސުލޫކީ ކޮމިޓީ އެއްގައި ކަމަށް މަހްފޫޒް ވިދާޅުވިއެވެ. އެހެންކަމުން މެމްބަރުންނަށް ހެދޭ ގޯސް މެމްބަރުންނަށް ބުނެދޭންވީ ވަގުތަކީ މިއީ ކަމަށާއި މަޖިލިސް ފަށާ ދުވަހު އެއްވާންވީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ މިހާރުގެ ރައީސް ވަނީ މަޖިލީސް އޮޅާލާ މަޖިލީހުގެ ބާރު މުށުތެރެއަށް ލައްވާފައި ކަމަށެވެ. މަޖިލިސް އަލުން ހުޅުވާދުވަހު މަޖިލީސް ކައިރިއަށް ދާންވީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވަނީ މެމްބަރުން ޗޭނު ޖަހާ މިނިވަންކަން ގެއްލުވާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވެސް ވަނީ މަޖިލިސް މެމްބަރުން ތިބީ ބާރު ކަނޑުވާލާ ބިޑި އަޅުވާފައި ކަމަށް ވިދާޅުވެފައެވެ. މަޖިލީހަށް ކުރިން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ހެއްދެވި އިތުރުފުޅުތައް ތަކުރާރުކުރަން ފުރުސަތު ދިނުމުގެ މާނައެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއެމްވީ އާއި ވާހަކަދެއްކި އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުން ވެސް ވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ތަނަކަށް މަޖިލިސް ހެދުމަށް އިހުތިޖާޖުކުރަން ޖެހޭ ކަމަށް ފާހަގަކޮށްފައެވެ.

މަޖިލިސް ފަށާ ދުވަހުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް މިހާރު ފޮނުވާފައިވާއިރު އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.

ބުރާސްފަތި ދުވަހުގެ އެޖެންޑާގައި މައިގަނޑު ކަމަކަށް ހިމެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުތަކެއް ގެނެސް މެމްބަރުންގެ ބާރު ކަނޑުވާލާ، މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް އެމްޑީޕީ އިން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް