ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 17:51
ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުން އަބަދުވެސް ހަދަނީ ދޮގު ކަމަށް ބުނެ ހައުސިންގ މިނިސްޓްރީ އިމާރާތުގެ ކުރިމަތީގައި މުޒާހަރާ ކުރަނީ (ފައިލް)
ފްލެޓާއި ގޯތީގެ މައްސަލާގައި މިސަރުކާރުން އަބަދުވެސް ހަދަނީ ދޮގު ކަމަށް ބުނެ ހައުސިންގ މިނިސްޓްރީ އިމާރާތުގެ ކުރިމަތީގައި މުޒާހަރާ ކުރަނީ (ފައިލް)
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ފްލެޓު ހަވާލު ނުކޮށް ހޭދަވާ ކޮންމެ ދުވަހަކާ އެކު ދައުލަތައް މާލީ ބޮޑު ގެއްލުމެއްވާތީ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި
ލޯނު ރީޕޭ ކުރުމަށް ކޮންމެ މަހަކު 23.39 މިލިއަން ރުފިޔާ ދައްކަމުންދޭ
ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ މުސާރަ އާއި ހިންގުމުގެ ޚަރަދަށް މަހަކު 3.2 މިލިއަން ހޭދަވޭ
ނިމިފައިވާ ފްލެޓު ތަކުންނާއި ކޮމާޝަލް އޭރިޔާ އިން މަހަކު 10.78 މިލިއަން ރުފިޔާ ކުއްޔާއި ފީގެ ގޮތުގައި ހޯދޭނެ

އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ 4000 ފްލެޓު މަޝްރޫއުގެ ދަށުން ނިމިފައިވާ ފްލެޓުތައް ހަވާލު ނުކޮށް ލަސްވާ ކޮންމެ ދުވަހަކީ ދައުލަތައް ބޮޑު ގެއްލުމެއް ވަމުންދާ ކަމެއް ކަމަށާއި މިކަމުގައި ސަރުކާރުގެ އިހުމާލު ހިމެނޭ ކަން ފާހަގަ ކޮށް މި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން އާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއް ގައި ހަދަމުންދާ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތައް އިންޑިއާ އިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދަނީ ފައިސާ ދައްކަމުންނެވެ. އެ ގޮތުން ލޯނު ރީޕޭ ކުރުމަށް ކޮންމެ މަހަކު 23.39 މިލިއަން ރުފިޔާ ދައްކަމުންދާ ކަން ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ މުސާރަ އާއި ހިންގުމުގެ ޚަރަދަށް މަހަކު 3.2 މިލިއަން ހޭދަވާ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ކުޑޫ ވިދާޅުވެފައިވާ ގޮތުގައި 4000 ފްލެޓުގެ ތެރެއިން މިހާރު 744 ފްލެޓް މުޅިން ނިމިފައިވާ ކަމަށާއި އަދި އެ ޓަވަރުތަކުގެ ކޮމާޝަލް އޭރިޔާ ވެސް ބޭނުން ކުރެވޭނެ ކަން ވަނީ ފާހަގަ ކުރައްވާފައެވެ. މައްސަލައިގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ ނިމިފައިވާ ފްލެޓު ތަކުންނާއި ކޮމާޝަލް އޭރިޔާ އިން މަހަކު 10.78 މިލިއަން ރުފިޔާ ކުއްޔާއި ފީގެ ގޮތުގައި ހޯދޭނެ ކަމަށެވެ.

ކުޑޫ ވިދާޅުވެފައިވަނީ ކުއްޔާއި ފީ ހޯދައިގެން ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ދައުލަތައް އޮތް ކަމުގައެވެ.

އެކަން އެހެން އޮތް ނަމަވެސް ކުޑޫ ވިދާޅުވީ ނިމިފައިވާ ފްލެޓުތަކުގެ ހައްގުވެރިން ކަނޑައެޅި، އެގްރީމެންޓު ހެދިފައިވާއިރު އޭގެ ހައްގުވެރިންނަށް ފްލެޓު ލިބުން ލަސްވެފައިވަނީ ސަރުކާރުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތައް ލިބެން ޖެހޭ އާމްދަނީވެސް ގެއްލިގެން ދާ ކަމުގައެވެ.

"ގަސްދު ގައި ދައުލަތައް ގެއްލުންވާ ގޮތައް އެންމެހާ ރައްޔިތުންގެ ފައިސާ އިން މިތަންތަނަށް ލޯނު ދައްކަވަމުން ގެންދަވަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެން ކަމަށް ގަބޫލު ކުރެވެއެވެ."

އެހެން ކަމުން މިކަން މިހެން ހިނގަމުންދަނީ ކީއްވެތޯ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ފަރާތްތައް މަޖިލީހުގެ "ގެދޮރުވެރި ކަމާ ބެހޭ ކޮމިޓީ" އަށް ހާޒިރު ކޮށް ބަލައިދިނުން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް އެޑްރެސް ކޮށް ފެބްރުއަރީ 4 ވަނަ ދުވަހުގެ ތާރީޚުގައި ހުށަހެޅި މައްސަލައިގައި ވެއެވެ.

- ކޮމެންޓް