އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމް އިން ހަމަޖެހުމެއް ހޯދައިފި އެވެ.
ބްރެންޓްފޯޑުގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ލީޑު ލިބުނުއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ލީޑު ލިބުނީ ބްރެންޓްފޯޑުގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ޓޮޓެންހަމަށް ލިބުނު ކޯނަރެއްގައި ސޮން ހެއުން މިން ހުރަސްކުރި ބޯޅަ، ބްރެންޓްފޯޑުގެ ވިޓަލީ ޖަނެލްޓްގެ ބޮލުން ޖެހިފައި ގޯލަށް ވަތް ބޯޅައެކެވެ. މެޗުގައި ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމް އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޕޭޕް މަޓާ ސާ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މި ސީޒަންގައި ޓޮޓެންހަމްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިއީ އެ ޓީމުގެ އަށް ވަނަ މޮޅެވެ. މިހާތަނަށް ލީގުގައި އެ ޓީމުން 24 މެޗު ކުޅެފައިވާއިރު، 13 މެޗުން ބަލުވެ، ތިން މެޗު އެއްވަރުވެފައިވެ އެވެ. ލީގު ތާވަލްގެ 14 ވަނައިގައި ޓޮޓެންހަމް އޮތީ 27 ޕޮއިންޓާ އެކު އެވެ.