ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އޮފީހަށް ނުކުންނާވާ ކަމަށާއި އެހެން ނަމަވެސް ފެންނަނީ ވަރަށް އެކަހެރިކޮށް ކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ ހުސްވި ހަފްތާގައި މަޖިލީހުގެ އިދާރާއަށް ނުކުންނަވަން ފެއްޓެވި ކަމަށެވެ.
"ފެންނަނީ ވަރަށް އެކަހެރިކޮށް، އެއްވެސް ދިރުމެއް މޫނު މައްޗަކުން ނުފެނެ؛" އޭނާ ބުންޏެވެ.
މި ދުވަސްކޮޅަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސް ކޮޅުކަމަށްވާތީ މާ ބޮޑު ކަންތަކެއް ނޯންނާނެ ކަން ފާހަގަ ކުރަމުން އޭނާ ބުނީ އެހެން ނަމަވެސް މީގެ ކުރިން ޗުއްޓީ ދުވަސްވަރު އޮފީހަށް ނުކުންނެވި ނަމަވެސް އަބްދުއްރަހީމްގެ އަރިހަށް ވަޑައިގަންނަވާ ޕީއެންސީގެ މެމްބަރުން މަދު ނޫންކަން ފާހަގަ ކުރެވޭ ކަމަށާއި އޭގެ ތެރޭގައި ވެސް އާންމުކޮށް އަރިހުގައި ތިބޭ މެމްބަރުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ފެންނަނީ ގިނިކަންޏާ އުޅުއްވާ މަންޒަރު ކަމަށް އޭނާ ބުންޏެވެ.
އަބްދުއްރަހީމް އާއި ރައީސް މުއިއްޒު އާ އޮތް ގާތް ގުޅުން ކެނޑުނު ހިސާބުން އަބްދުއްރަހީމުގެ ބާރު ކެނޑި އެކަހެރިވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މި ދެބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް ވާހަކަތައް ދެކެވޭ އިރު، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް މުއިއްޒު ގެންނެވުމަށް މާކުރިންސުރެ ޕްލޭން ހައްދަވާ އެކަމަށް މަސައްކަތް ފެށިކަމަށް އަބްދުއްރަހީމް ކުރިން ވިދާޅުވެފައިވެއެވެ.
އަބްދުއްރަހީމް އާއި މުއިއްޒުގެ ގުޅުން ގޯސްވިކަން ފާޅުކަން ބޮޑު ގޮތެއްގައި އާންމުންނާ ހަމަ އަށް ތިލަވީ، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރި ހިސާބުންނެވެ.
އޭގެ ފަހުން އަބްދުއްރަހީމް އިސްވެ ހުންނަވާ އުފެއްދި އަދި މިހާރު ވެރިކަން ކުރާ ޕާޓީ – ޕީއެންސީގެ ހިންގުމުގެ މަސައްކަތްތަކުން ވެސް އޭނާ އެކަހެރި ކުރެވިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ރައީސް މުއިއްޒު އަބްދުއްރަހީމުގެ މަޝްވަރާ ކަންކަމުގައި ހޯއްދެވުން ހުއްޓާލާފައިވާ ކަމުގެ ވާހަކަތައްވެސް ވަނީ އާންމު ވެފައެވެ.
ފައިސަލް ވަކިކުރުމާ ގުޅިގެން، ރާއްޖޭގެ ނޫހަކާ އަބްދުއްރަހީމް ދެއްކެވި ވާހަކަތަކުން އޭނާގެ ދަރިކަލުން ފައިސަލް މަގާމުން ވަކި ކުރުމުގެ ކުރިން އެކަމުގެ އެއްވެސް މަޝްވަރާ އެއް މުއިއްޒު ނުކުރައްވާ ކަން ހާމަ ވުމުގެ އިތުރުން އޭނާ ވިދާޅުވީ، މުއިއްޒު އާ އެކު އޮތް ގުޅުން ރަނގަޅު ނަމަ މިކަން ނުވާނެ ކަމަށެވެ. ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެހިގެން އުޅޭ މައްސަލަ އާ ބެހޭ ގޮތުން މީޑިއާ އާ އިތުރަށް ވާހަކަ ނުދެއްކެވުމަށް ރައީސް މުއިއްޒު ވަނީ ޕީއެންސީގެ އިސް މަޖިލީސް މެމްބަރަކު މެދުވެރިކޮށް އަބްދުއްރަހީމަށް އަންގަވާފައެވެ.
މެލޭޝިއާގައި ޗުއްޓީ ހޭދަކުރައްވަން ހުންނެވެމަށް ފަހު ދާދި ފަހުން ދަތުރު ކުރުކޮށްލެވުމަށް ފަހު އަބްދުއްރަހީމް މާލެ ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ނޫސްވެރިން އެއަރޕޯޓަށް ގޮސް ތިއްބާ އޭނާ މާލެ ވަޑައިގަތީ ނޫސްވެރިންނަށް ފިއްލަވައިގެންނެވެ.
ފައިސަލް ވަކިކުރި ދުވަހު ރާއްޖޭގެ ނޫހަކަށް މެލޭޝިއާގައި ހުންނަވާފައި ދެއްވި އިންޓަވިއުގެ ފަހުން އެއްވެސް މީޑީއާ އަކަށް އެއްވެސް އެއްޗެއް އަބްދުއްރަހީމް ވިދާޅުވެފައެއް ނުވެއެވެ. އަދި ފޯނަކަށް ވެސް މެސެޖެކަށް ވެސް އޭނާ ޖަވާބެއް ނުދެއްވައެވެ.