ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް އެއްމިލިއަން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދާ ކުރެއްވި އިރު މީއީ އެސްޓޯނިއާގެ ރައީސްގެ އަލާރް ކަރިސް ގެ ދައުވަތަކަށް ކުރެއްވި ދަތުުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެމަނިކުފާނު އެގައުމަށް ވަޑައިގެންނެވީ 13 ޖެނުއަރީން 17 ޖެނުއަރީއަށެވެ.
މިދަތުރުފުޅުގެ ބޭނުމަކީ ޑިޖިޓަލް އިނޮވޭޝަން، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ސިއްހަތާއި ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ އާއި ސްމާޓް ގްރިޑް އަދި ސެކިއުރިތީ އާއި ތާރީހާއި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދައިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާ އާއި މެދެމު ގުޅުން ބަދަހިކޮށް އިލްމު ހިއްސާކުރުމަށް އަދި އިތުރު ފުރުސަތު ހޯއްދެވުމުގެ މަގުސަދުގައި ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
މިފަހަރުގެ ދަތުރުފުޅަށް ދިވެހި ސަރުކާރުން ޖުމްލަ 1،371،069.18 ( އެއް މިލިއަން ތިން ލައްކަ ހަތްދިހަ އެއްހާސް ފަސްދޮޅަސް ނުވަ ރުފިޔާ/ އަށާރަ ލާރި) ހޭދަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ސަރުކާރުގެ ބޮޑު ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސިޔާސީ މަޝްވަރާތައް ފެށުމަށް އެމްއޯޔޫ އެއްގައި ސޮއިކުރެވުނު ކަމަށެވެ.
މި ދަތުރުފުޅާ ގުޅިގެން އަދި މިހާތަނަށް ރާއްޖެއަށް ފައިދާ ހުރި އެއްވެސް ކަމެއް ފެށިފައިވާ ކަމުގެ މައުލޫމާތެއް ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.