ކ. މާލެ
|
2 ފެބްރުއަރީ 2025 | އާދީއްތަ 16:20
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގައުމު އަޅުވެތިކުރުން
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ
ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ކުއްލި ގޮތަކަށް ވަކި ކުރެއްވީ ޒާތީ މައްސަލައަކުން
އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
މި ސަރުކާރުން ގިނަ މީޑިއާތައް ގަނެ ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލް ކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާރިޔާ ވިދާޅުވީ ރާއްޖެއިން މިހާރު ފެނިގެންދަނީ އަޅުވެތި ކުރުމުގެ މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެންމެ ގާތުގައި ތިއްބަވާ ބޭފުޅުން އަޅުވެތި ކުރުމުގެ މަސައްކަތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އަޅުވެތި ކުރެއްވުމުގެ މަސައްކަތްތަކެއް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ކުއްލި ގޮތަކަށް ވަކި ކުރެއްވީ ޒާތީ މައްސަލައަކުންކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ ޑީއެންއާރުން އާއްމު ރައްޔިތުން މައުލޫމާތު ވަގަށް ނެންގެވި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ދުރު ނުކުރައްވާ ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ގައުމުގެ ކުރި މަގަމަށް ސަރުކާރުން ނަގާ ފިޔަވަޅުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބޮޑަށް ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ބަދަލުގައި އެހެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ މަދުކޮށް، އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމަށް ކަމަށެވެ. އެކަން ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށާއި، އެއީ އަޅުވެތި ކުރުމަށް ސަރުކާރުން ކުރާކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިދޭތެރެއިން ވަރަށް ސާފުކޮށް ފެނިގެންދިޔަ ހޯމް މިނިސްޓަރު އިސްކޮށް އިންނަވައިގެން ޑީއެންއާރުން ވަގަށް ނަގައިގެން ޕީއެންސީގެ މެންބަރުން އިތުރުވެގެން މިހާރު އިލެކްޝަން ކޮމިޝަނުން ވެސް ވަކި ގޮތަކަށް އެއިއުލާން ކުރީ އެ ކަންތައް ބަލަމުންނޭ މިދަނީ މި މައްސަލަ ބުނިއިރު ވެސް މެންބަރުން އިތުރުވެއްޖެ ކަމަށް އިއުލާންކޮށްފި. ފެނިގެންދަނީ ހަގީގަތުގައި ކޮންމެ ކަމެއް ކުރިއަސް ރައްޔިތުން ނުރުހޭ ކަހަލަ ރައްޔިތުންގެ ހައްގަށް އަރައިގަނެވޭ ކަހަލަ ކަމެއް ޝަހުސު ވަގަށް ނެގުން. އެވަރަށް ސާބިތު ކަމާއެކު ފެންނަން އޮތްއިރު އެ މިނިސްޓަރު ވަކި ނުކުރައްވާ އަދި މިދަންނަވާހެން އެހެން ހުރިހާ ކަމެއްގެ ތެރޭގައި ސީދާ ރައްޔިތުންނާ ގުޅުން ނޯންނަ ޕީއެންސީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ރައީސްގެ ދަރިކަލުން މިނިސްޓަރަކަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ވަކި ކުރެއްވީމަ މިފެނިގެންދަނީ ވަރަށް ޒާތީ ކަމެއްގެ ގޮތުގައި. ކޮންމެހެން ގައުމީ ކަމަކަށްވަރު ނުވަތަ ޕޮލިޓިކްސްގެ ތެރެއިން އައި ކަމަކަށްވުރެ ކޮންމެވެސް ކަހަލަ ޒާތީ ކަންތައް ގަނޑެއް މީގެ ތެރޭގައި އުޅޭހެން ނުވަތަ ކޮންމެވެސް ވަރަކަށް ކަންކަން އިތުރަށް ބާރު ބޭނުންފުޅުވެގެން އުޅުއްވާ ގޮތަށް އަބަދުވެސް ފެންނަނީ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ

މިސަރުކާރުގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ މިސަރުކާރުން ގިނަ މީޑިއާތައް ގަނެފައިވާ ކަމަށާއި، ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ތިއްބަވަނީ އަބަދުވެސް ސޯޝަލް މީޑިއާގައި ސަރުކާރު ޕްރޮމޯޓްކޮށް ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

- ކޮމެންޓް