Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 00:16
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ސިފައިންނާ ފުލުހުންގެ އަގުވައްޓާލުން
މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ
ސިފައިންގެ އަގު ވައްޓާލައި، ކުރިއަށް އިންޑިއާ އައުޓް ކެންޕޭން ވެސް މިއަދު ކަދުރު އަލީގެ ނަދުރަށް ވަނީ ހަދާފައި
ޑްރޯންގެ ފައިސާއަކީ އިސްރާފު، ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް އެއަށްވުރެ މާ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ
ގައުމުގައި ކޮރަޕްޝަން އާއްމުކޮށް، މި ސަރުކާރުން މުޅި ރާއްޖޭގައި ބައިތުލްމާލު އެއްކޮށް ވަނީ ކާލާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެމްޕެއިން ހިންގައި، ދިވެހި ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ލޫޓުވައިފި އެއްވުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން، މާރިޔާ ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާއިރު، ސިފައިންނާ ފުލުހުންނަށް ޚާއްސަ އިސްކަމެއް ދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އަގުބޮޑުކޮށް ޑްރޯންތަކެއް ގަނެ، ދިވެހި ސިފައިންގެ ނާގާބިލް ބައެއްކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މީގެ ކުރިން މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކޮށްފައިވަނީ އިންޑިއާ އައުޓް ކެންޕޭން ހިންގައި ސިފައިންނާ ފުލުހުންގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި އެ ދުވަހު ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑްރޯންގެ ފައިސާއަކީ އިސްރާފު ކަމަށާއި، ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް އެއަށްވުރެ މާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހުރިކަން މާރިޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިފައިންނާ ފުލުހުންގެ ބޯހިޔާވަހިކަމާއި، ތަމްރީންތައް ކުރިއަށް ގެންދިއުމާއި، މިހާރު ހުރި މައްސަލަތައް ހައްލުކުރުން މުހިންމު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ އަގު ވައްޓާލައި، ކުރިއަށް އިންޑިއާ އައުޓް ކެމްޕެއިން ވެސް މިއަދު ކަދުރު އަލީގެ ނަދުރަށް ހަދާފައިވާ ކަމަށެވެ. މިއަދު އިންޑިއާ އައުޓް ޓީޝާޓު ލީ މީހަކު ނެތް ކަމަށާއި، އެ ކެމްޕެއިން ހިންގި މީހަކު ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއާއި އަދި އެމީހުންނަށް ވެސް ހިމެނޭ ގޮތަށް އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވާ ބޯހިޔާވަހިކަން އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި ބޮޑުކޮށް ވާނީ ހޯދައިދީފައި. ބައްލަވާ ކިތައް އަހަރުތޯ ޕޮލްކޯ ހިޔާ، ސިފްކޯ ހިޔާ ކުނިގޮނޑެއްހެން އެތާގައި ހުރީ. ކޮންބައެއްތޯއައީ އެމީހުން އެފުލަމުން ދިޔަ ތަކުލީފުތައް އެމީހުންގެ އާއިލާތައް އެޅުނު ހާލު ބަލާލަން އެއްވެސް ބަޔަކު އެމީހުންނާ ދޭތެރޭގައި އަޅާނުލާ. އެކަމަކު ކޮންމެ ފަހަރަކު ބޮޑު ކަމެއް ޖެހޭއިރަށް ހަމަ ނުކުންނަނީ ސިފައިންނާ ފުލުހުން. އެއަށްބޮޑު ކޮވިޑްގެ އާލިމީ ވަބާގައި ޖެހިގެން ރައްޔިތުންނަށް އެހީވާން އެމީހުން އެންމެން ފުރާނަ އަތްމައްޗަށްލައިގެން ނުކުމެ ތިބިއިރު މީހާރު ސަރުކާރުގައި އެ ތިއްބެވި ބޭފުޅުން އިންޑީއާ އައުޓޭ ކިޔައި ސިޔާސީ ކެންޕޭނެއް ހިންގައި، އެމީހުންނަށް ކެނޑިނޭޅި ގޮވަމުންދިޔައީ އެމީހުން ރާއްޖޭގެ މިނިވަންކަން ގެއްލުވާލިފި ކަމާއި، އެމީހުންނަކީ ގައްދާރުން ކަމަށް. އަޅުގަނޑުމެން އޭރުވެސް އެމީހުންނަށް ކުރާ ހިތްވަރު ފެނޭ. އަޅުގަނޑުމެން ހިތާމަ ކުރަން. އެފަދަ ކަންކަން ސިޔާސީ ބޭނުމަށް ބޭނުންކުރާތީ. މިއަދު އިންޑިއާ އައުޓް ވެއްޖެ ކަދުރު އަލީގެ ނަދުރަށް.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ ގައުމުގައި ކޮރަޕްޝަން އާއްމުކޮށް، މި ސަރުކާރުން މުޅި ރާއްޖޭގައި ބައިތުލްމާލު އެއްކޮށް ކާލާފައިވާ ކަމަށެވެ. 111 ބިލިއަން ރުފިޔާ ދިރުވާލާފައިވާ ކަމަށާއި، ރައްޔިތަކަށް ލިބުނު ފައިދާއެއް ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވުމުގެ ބައިވެރިން ހިތްވަރުކޮށް ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތުގައި ދެމިތިބުމަށް މާރިޔާ ގޮވާލެއްވިއެވެ.

- ކޮމެންޓް