ކ. މާލެ
|
30 ޖެނުއަރީ 2025 | ބުރާސްފަތި 09:24
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ރޮޑްރީގޯގެ ދެ ލަނޑާއެކު، ރެއާލް އިން ބްރެސްޓް ބަލިކޮށްފި
މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ހޯދަން ކުޅޭ ޕްލޭ އޮފްގައި ރެއާލް ކުޅެން ޖެހޭނީ މެންޗެސްޓަރ ސިޓީ ނުވަތަ ސެލްޓިކާ ދެކޮޅަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ބްރެސްޓުގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ރެއާލަށް ކުރި ހޯދައިދިނީ ރޮޑްރީގޯ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ބްރެސްޓުން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މެޗުގެ 56 ވަނަ މިނެޓުގައި އިންގްލެންޑުގެ ޖޫޑް ބެލިންހަމް ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ. މެޗުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ. މެޗުގެ 78 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ރެއާލް އިން ވަނީ ލީގު ތާވަލްގެ 11 ވަނަ އަަށް ޖެހިލައިފަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ އަށް މެޗުން 15 ޕޮއިންޓާ އެކު އެވެ. ރެއާލް އަދި ބްރެސްޓަށް ވެސް ޖެހެނީ މުބާރާތުގެ ޕްލޭ އޮފް ބުރުގައި ވާދަކުރުމަށެވެ. ރެއާލް އަތުން ބަލިވެ، ބްރެސްޓް ވަނީ ލީގު ތާވަލްގެ 18 ވަނަ އަށް ވެއްޓިފަ އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ހޯދަން ކުޅޭ ޕްލޭ އޮފްގައި ރެއާލް ކުޅެން ޖެހޭނީ މެންޗެސްޓަރ ސިޓީ ނުވަތަ ސެލްޓިކާ ދެކޮޅަށެވެ.

- ކޮމެންޓް