ދަރިފުޅު އިބްރާހީމް ފައިސަލަށް ޓަކައި ފަޚުރުވެރިވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށް ފައިސަލްގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން ކުއްލި ގޮތަކަށް ފައިސަލް ވަކިރުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވަމުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ދަރިފުޅު ކަމުގައިވާ އިބްރާހީމް ފައިސަލަށް ޓަކައި ފަޚުރުވެރިވާ ކަމަށެވެ.
އަދި އަބްދުއްރަހީމް އާއި މުޅި އާއިލާވެސް ފައިސަލަށްޓަކައި ފަޚުރުވެރިވާ ކަމަށާއި ފައިސަލް ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާއި އަދި ތެދުވެރިކަމާއެކުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ފައިސަލް ފަތުރުވެރިކަމުގެ ދާއިރާއިން ނަތީޖާ ނެރެދެއްކި ކަމުގައި ވެސް އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ފައިސަލް އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަތީޖާ ނެރެދިނުމުގެ އިތުރުން އެ ދާއިރާގެ އިތުބާރާއި ލޯބި ހޯއްދެވި ބޭފުޅެއް ކަމަށެވެ. އަދި އަބްދުއްރަހީމް ވަނީ ދަރިފުޅު ފައިޞަލަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރައްވާ މާ އުޖާލާ މާދަމާއެއް ދެއްކެވުމަށް އެދި ދުޢާކުރައްވަވާފައެވެ.
އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް ފައިޞަލަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ފަޚުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު. ނަތީޖާނެރެދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި.މާތް الله ދަރިފުޅު ފައިޞަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީންމަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ
ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައި ވަނީ އަންގާރަ ދުވަހު ކުއްލި ގޮތަކަށެވެ. އެެހެން ނަމަވެސް އޭނާ ވަކި ކުރި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމުން ފައިސަލް ވަކިކޮށްފައިވާއިރު، ޓުވަރިޒަމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ އެވެ.
ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ދަރިކަލުންނެވެ. ރައީސް މުޢިއްޒު، މިނިސްޓަރު ކަމުގެ މަގާމުން ފައިސަލް ވަކިކޮށްފައިވާއިރު، ރައީސް މުޢިއްޒު އާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފަ އެވެ.