ރާއްޖެޓީވީ އާއި މެޓްރޯޕޮލިޓަން ކޮލެޖްގެ ސްކޮލަޝިޕް ޕްރޮގްރާމަށް ހޮވުނު 6 ދަރިވަރަކަށް ސްކޮލަޝިފް ހަވާލު ކޮށްފިއެވެ.
ދަރިވަރުންނަށް މި ސްކޮލަޝިޕްތައް ހަވާލު ކޮށްދެއްވީ މެޓްރޯޕޮލިޓަން ކޮލެޖްގެ ޗެއާރމަން ޑޮކްޓަރ މުހައްމަދު ސިރާޒް މީރަސާހިބް އެވެ. ސިރާޒް ވިދާޅުވީ ރާއްޖެޓީވީ އާއި ގުޅިގެން ދަރިވަރުންނަށް ކިޔެވުމުގެ މަގު ފަހިކޮށް ދެވޭތީ ފަޙްރުވެރިވާ ކަމަށާ ސްކޮލަޝިފްއަށް ހޮވުނު ހުރިހާ ދަރިވަރުންނަށް ވެސް ރަގަޅު ކުރިއެރުމަކަށް އެދޭ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މެޓްރޯޕޮލިޓަން ކޮލެޖާއި ގުޅިގެން ދިވެހި ރައްޔިތުންނަށް މިކަހަލަ ފުރުސަތެއް ހުޅުވާލެވިގެން ދިޔުމަކީ އުފާކުރާ ކަމެއް ކަމަށާއި މިކަހަލަ ފުރުސަތުތައް ކުރިއަށް އޮތް ތާނގައި ވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ކޮލެޖްތަކާއި ގުޅިގެން އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.
"ރާއްޖެޓީވީގެ މަޤްސަދަކީ ހިނގާ ކަންކަމާއި ޚަބަރު ގެނެސްދިނުމެއް ނޫން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އިޖްތިމާއި ޒިންމާއެއް އެބައޮތް ، ޒުވާން ސިކުނޑިތައް ތަރައްޤީ ކުރުމުގައި، އަޅުގަނޑުމެންގެ މުޖުތަމައުއަށް ޚިދުމަތް ކޮށްދިނުމުގައި. މި މަޤްސަދުގައި އަޅުގަނޑުމެން ސްކޯލަޝިފް ޕްރޮގްރާމް ހުޅުވާ މި ލީ" ފިޔާޒް ވިދާޅުވިއެވެ.
މެޓްރޯޕޮލިޓަން ކޮލެޖްގެ ހޭޑް އޮފް އެކަޑަމިކް އެފެއާޒް މަހްދީ ޝާހިދް ވިދާޅުވީ ރާއްޖެޓީވިން އިޖްތިމާއީ ކަންތައްތަކުގައި ޒިންމާ ނަގާތީ އެ ކޮލްޖެގެ ފަރާތުން އުފާވާ ކަމެއް ކަމަށާއި އެ ކޮލްޖެގެ އުންމީދަކީ އިލްމު އުނގެނެން ބޭނުންވާ ކުދިންނަށް ހެޔޮގޮތުގައި އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެޓީވީން ދެއްވީތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށް މަހްދީ ވިދާޅުވިއެވެ.
މި ސްކޯލަޝިފްގައި 5 ދަރިވަރަކަށް ވަނީ ފަސްދޮޅަސް ޕަސަންޓެގެ ޑިސްކައުންޓާއި އެކު ސްކޮލަޝިޕް ލިބިފައެވެ. އަދި އެއް ދަރިވަރަކަށް ވަނީ ފުލް ސްކޮލަޝިޕް ލިބިފައެވެ.
5 ސްކޮލަޝިޕް ލިބުނު ދަރިވަރުންނަކީ ފާތިމަތު ގަނިއްޔާ އަބްދުއް ރަހީމް އާއި މަލާހަތް މުހައްމަދާއި މަރިޔަމް ނަޝާތު ހަނީފް އާއި ޝަފާ ސޮދުރީ އާއި ޒަޔާނާ އަހްމަދަށެވެ. ފުލް ސްކޮލަޝިޕް ލިބިފައި ވަނީ ފާތިމަތު ހައުނާ އަށެވެ.
ހުރިހާ ކުދިން ވެސް ބުނީ މި ސްކޮލަޝިޕް ލިބުމުން އުފާވާ ކަމަށާއި ރާއްޖެޓިވީ އާއި މެޓްރޯޕޮލިޓްން ކޮލެޖަށް ޝުކުރު އަދާކުރާ ކަމަށެވެ.