ވަގުފޯރމް ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މައްސަލަ އަކީ ވަރަށް ފަސޭހައިން ބެލެން އޮތް ޖިނާއީ މައްސަލަ އެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ވަގުފޯރމް ފުރައިގެން ޕީއެންސީ އަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވައްދާފައިވާ މައްސަލައިގައި އާދިއްތަ ދުވަހު ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް މައްސަލަ ވަނީ ހުށަހަޅާފައެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ފަހު މީޑިއާ އަށް މައުލޫމާތުދެއްވަމުން، މިއީ ޖިނާއީ މައްސަލަ އެއް ކަމަށާއި ވަރަށް ފަސޭހަކަމާއި އެކު އެ ޖިނާއީ ތަހުގީގު ހިންގެން އޮތް ކަމަށް ޤަބޫލުކުރައްވާ ކަަމަށް ވެސް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ތަފްސީލަށް ބަލާއިރު ފޯރމް ފުރާފައިވާ މީހާގެ މައުލޫމާތާއި ފޮޓޯ އާއި ދިމާ ނުވާ މައްސަލަތައް ވަގު ފޯރމްގެ ތެރޭގައި ފާހަގަވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާ ސީރިއަސް ކަމެއްގައި ސަރުކާރުން މިކަމާއި ކަންބޮޑުވެގެން އުޅުއްވާތަން ނުފެންނަކަމަށާއި އެއީ ޑިމޮކްރެޓްސް އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
ސަރުކާރުން މިކަމާއި މެދު އިސްވެ މައުލޫމާތު އޮޅުންފިލުވާދިނުމަކީ މުހިންމުކަމެއްކަމަށް ޤަބޫލު ނުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވަގު ފޯރމްތަކެއް ފުރައިގެން މިހާ ފުޅާކޮށް ވަގަށް މީހުން ޕާޓީއަށް ވެއްދުމުގެ މައްސަލަ އެއް ފެންމަތިވުމުން ސަރުކާރުން އެކަމަށް ޖަވާބުދާރީނުވާތީ އެކަމާއި މެދު އިމްތިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ވަރަށް ފަޚުރުވެރިކަމާއި އެކު ދަންނަވަން ޑިމޮކްރެޓްސްގައި ތިބޭނީ ސައްހަ މެމްބަރުން. މިކަހަލަ މައްސަލައެއް ދިމާނުވޭ. މިއީ ޖިނާއީ މައްސަލަ އެއް. ވަރަށް ސާފުކޮށް ބެލެން އޮތް މައްސަލަ އެއް. ފޮޓޯ އާއި މީހާގެ މައުލޫމާތާއި ދިމާ ނުވޭ. އެބަ ހުރި އެ މައްސަލަ ފޯރމްގަ. ފައިގެ ނިޝާންކަމެއް އިނގިލީގެ ނިޝާންކަމެއް ސާފެއް ނުވޭ. މިހާ ފުޅާކޮށް މިކަން ހިންގާއިރު ސަރުކާރުން އެކަމާ އެއްޗެއް ވިދާޅެއް ނުވޭ.މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ 700 އެއްހާ މީހުން އޮޅުވާލައިގެން ޕީއެންސީ އަށް ވައްދާފައިވާ ކަމަށެވެ. އަދި އެކަން ފާހަގަވީ ޑޭޓާބޭސްއަށް ބެލުމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ޑިމޮކްރެޓްސްގެ މީހުން ވެއްދި މައްސަލަ ފެންމަތިވެފައިވާ އިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ފުލުހުންނަށް މިފަދަ މައްސަލަތަކެއް ހުށަހަޅާފައެވެ.
އެގޮތުން ފުލުސް އޮފީހަށް އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރުން ގޮސްފައިވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް ބޭނުން ކޮށްގެން މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމު ފުރި މައްސަލަ ތަހުގީގު ކޮށް ދިނުމަށް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.