ސަރުކާރުގެ މައި ޕާޓީ ޕީއެންސީ ގެ ރައްޔިތުން މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާތީ މާޔޫސްވެ، ''ބްރޭކް އައުޓް'' ވާ ހިސާބުގައި ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއްއަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ތަރައްގީގެ އެއްވެސް މަޝްރޫއެއްގެ ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ އެބޭފުޅުން ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، ދާއިރާއަށް ކުރިއެރުން ގެންނަން ބޭނުންވާ ކަމަށެވެ. އަދި މަޝްރޫއުތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް އަބަދުވެސް އެކަމެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުންދޭ ކަމަށާއި، ނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށްނުދާ ކަމަށެވެ.
އެހެންކަމުން މިއަދު އެ މެންބަރުން ވެސް ތިއްބެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ އެބޭފުޅުން މަޖިލިސް ޖަލްސާގައި ވާހަކަދައްކަވާ ގޮތާއި، މަޖިލީހުގެ ކުޑަދޮށުގައި ދައްކާވާ ވާހަކަތައް މުޅިން ތަފާތު ކަމަށެވެ. މިހާރު މަގުމައްޗަށް ނުކުމެ، ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަތައް ނުދައްކަވަނީ ގާނޫނީ ގޮތުން ތަޅުއެޅުވިފައިވާތީ ކަމަށާއި، ނަމަވެސް އެބޭފުޅުން ''ބްރޭކް އައުޓް”ވާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެބޭފުޅުންނަށް ވެސް ސަރުކާރުގެ ދިފާއުގައި ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.
މެންބަރު އަހުމަދު ދީދީ ވިދާޅުވީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވި މެންބަރުން ވެސް ޕީއެންސީއާ ގުޅިވަޑައިތީ އުންމީދަކާއެކު ނަމަވެސް މިހާރު އެއުންމީދު ގެއްލިފައިވާ ކަމަށެވެ. އަދި މިއަދު ސަރުކާރުމެދު އެއްވެސް އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެބޭފުޅުންނަށް އަބަދުވެސް ޔަގީންކަން ދެމުންދިޔައީ ފަހުކުއާޓާގައި ކަންތައްތައް ކުރެވޭނޭ. ފަށާނަމޭ ފަހު ކުއާޓަރުގައި. ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރު ވެސް ނިމިގެންދިޔައީ. ދެން ދައްކަމުންދިޔަ ބަހަނާއަކީ އެމްޑީޕީން ބަޖެޓު ނުދީމަ ނުވީއޭ. މިހާރު އެބޭފުޅުން ހުށަހަޅާގެން އެބޭނުންވާ ވަރަށް ބަޖެޓުގައި ޖައްސަވައިގެން މިހާރު އެއް އަހަރުގެ ބަޖެޓަކާއެކު ފެށި. ފަށާގެން މިހާރު އަހަރު ފެށިގެން މިދަނީ. އެއްވެސް ރަށެއްގައި އެއްވެސް ނުކުރޭ. އެބޭފުޅުންގެ ބަހުން ނަމަ އެ ގްރީން ސިގްނަލް ވެސް ނުވެސް ލިބޭ. ހަމަ އައްސަވާލާއިރަށް ވިދާޅުވާ ކަމަށްވަނީ ތިކަން ކުރިއަށްދާނޭ. ރައީސް މުއިއްޒު ވައުދުވި ގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށްދާނޭ.ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިސަރުކާރާމެދު މުޅި ރާއްޖެ މާޔޫސްވެފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.