ބ. ތުޅާދޫގައި އެއަރޕޯޓު ތަރައްގީކުރުމަށް ހިއްކި ބިން ގިރާލައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތުޅާދޫގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 29 އޯގަސްޓް 2023 ގައެވެ.
ތުޅާދޫގައި އެއަރޕޯޓު އެޅުމަށް 44.70 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަންއާއެވެ. އަދި ކުޑަތަންކޮޅެއް ހިއްކި ނަމަވެސް މިހާރު އެސަރަހައްދު ވެސް ވަނީ އެއްކޮށް ގިރާލާފައެވެ. ހަމައެކަނި ފެންނަން ހުރީ ބިންހިއްކުމަށް ބޭނުންކޮށްފައިވާ ހިލަގައުތަކެވެ.
ރާއްޖެއެމްވީއަށް މިމަޝްރޫއާ ގުޅޭގޮތުން އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ މަސައްކަތް ހުއްޓާލި ސަބަބު ނޭނގޭ ކަމަށާއި، މިމަސައްކަތް ހުއްޓިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މިމަޝްރޫއާ ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން ވެސް ލިބިފައިނުވާ ކަމަށެވެ.
އާދިލް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތާގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމަސައްކަތުގެ އީއައިއޭ ހަދާފައި ކުރިއަށް ގެންދިޔައީ ބަންޑުވޯލް ޖެހުމުގެ މަސައްކަތް. ދެން ބަންޑުވޯލް ޖެހުމުގެ މަސައްކަތް ކުރުމަށް މިކޮޅަށް ސަބް ކޮންޓެކްޓަރ ހަވާލުކުރެވި ކައުންސިލަށް މައުލޫމާތުދީ އެބޭފުޅުނާ ހަވާލުކޮށްފައި އޮތީ 3000 މީޓަރު އެނގޭތޯ. ދެން އެބޭފުޅުންގެ މަސައްކަތް އެބޭފުޅުން ނިންމައިފި. އެހެންނަމަވެސް ބަންޑުވޯލް ޖެހުމަށްފަހު މަސައްކަތް ހުއްޓުނީ. އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ނުލިބޭ.ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް
ރާއްޖެއެމްވީއަށް ތުޅާދޫއިން މައުލޫމާތު ދިން އާއްމު ރައްޔިތެއް ބުނީ އެރަށުގައި އެއަރޕޯޓު ތަރައްގީ ވެގެން ދިއުމަކީ ގިނަ ރައްޔިތުންގެ ހުވަފެނެއް ކަމަށާއި، ވަރަށް ބޮޑަށް ބޭނުންވާ މަޝްރޫއެއް ކަމަށެވެ. މުޅި އަތޮޅު ފަތުރުވެރިކަމުގައި މަޝްހޫވެގެންދިޔަ ނަމަވެސް ގެސްޓްހައުސްގެ ވިޔަފާރި އެރަށުގައި ކުރިއަރާފައިނުވާ ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ކުރިއަށް ގެންދިއުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުކުރުމަށް އޮންނަ ދަތިކަން ކަމަށާއި، ނަމަވެސް އެއާޕޯޓާއެކު މިމައްސަލައަށް ހައްލު ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެއަރޕޯޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާއެކު ބައެއް މީހުން ގެސްޓްހައުސް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.
ތުޅާދޫ ރައްޔިތުން ފާހަގަކުރާ ގޮތުގައި އެއަރޕޯޓުގެ މަޝްރޫއާއި، އެރަށުގެ ތަރައްގީ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ވަޒީފާތައް އުފެދި، ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް މަގުފަހިވުމަކީ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.