ކުރިން ކަނޑައެޅިފައިވާ ސުންގަޑިއަށް ވުރެ 3 ގަޑިއިރު ފަހުން، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފަށައިފިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އެތައް ހާސް މީހުން އެނބުރި އެމީހުންގެ ގެދޮރަށް އަންނަން ވަނީ ދަތުރު ފަށާފައެވެ.
އެއްބަސްވުމުގައި ވާ ގޮތުން ހަމާސް އިން ފުރަތަމަ ދޫކޮށްލާނެ ކަމަށް ބެލެވޭ އިސްރާއީލުގެ 3 އަންހެން ރަހީނުންގެ ނަންތައް ހަމާސްއިން ވަނީ ހާމަކޮށްފައެވެ.
އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ތަންފީޒު ކުރަން ފަށަން ނިންމި އެއްބަސްވުން ލަސްވީ، ހަމާސް އިން ސުންގަޑި އާ ހަމަ އަށް، 3 ރަހީނުންގެ ނަން އިސްރާއީލަށް ހިއްސާނުކުރުމުގެ ސަބަބުން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އަލް އަރަބިއްޔާ މީޑިއާ އަށް މަޢުލޫމާތު ދިން ފަލަސްތީނުގެ އިސް އޮފިޝަލެއް ބުނިގޮތުގައި، ލިސްޓު ފޮނުވުމަށް މަޑުޖެހުމެއް އައީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ ކުރިން 48 ގަޑިއިރުގެ "އަމާން" މުއްދަތެއް އޮންނަން ޖެހޭނެ ކަމަށް ވާހަކަތަކުގެ މެދުވެރިން ބުނެފައިވުމާ ގުޅިގެންނެވެ. ނަމަވެސް ސުންގަޑިއާ ހަމައަށްވެސް އިސްރާއީލުން ދިޔައީ ހަމަލާތައް ދެމުންނެވެ. އެހެންކަމުން ލިސްޓު ފޮނުވުމަށް ދަތިތަކެއް ކުރިމަތިވީއެވެ.
ސުންގަޑި ހަމަވިތާ ދެ ގަޑިއިރު ފަހުން ހަމާސްއިން ބުނީ ނަންތަކުގެ ލިސްޓު ފޮނުވައިފިކަމަށެވެ. އަދި އިސްރާއީލުގެ އޮފިޝަލުން ލިސްޓު ލިބުނުކަން ޔަގީންކޮށްދިނެވެ.
ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާގޮތުގައި 47،000 އާ ގާތްކުރާ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.
ހަނގުރާމަ ހުއްޓާލުން ތަންފީޒުކުރަން ފެށުމާ ހަމައަށްވެސް، އިސްރާއީލުން ޣައްޒާ އަށް ހަމަލާދިނުން ކުރިއަށް ގެންދިޔައެވެ. ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އާދިއްތަ ދުވަހުވެސް އިސްރާއީލުގެ ހަމަލާތަކުގައި 19 މީހުން ޝަހީދުވެފައިވެއެވެ.
ގާތްގަނޑަކަށް 16 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މި އަނިޔާވެރި ހަމަލާތަކުގެ ކުރީމަތީގައި ފަލަސްތީނުގެ ރައްޔިތުން ދެއްކި ހިތްވަރު ފާހަގަ ކޮށް ޣައްޒާގެ މަގުތަކަށް ނުކުމެ އެތައް ހާސް ފަލަސްތީނު ރައްޔިތުން ގެންދަނީ އުފާ ފާޅު ކުރަމުންނެވެ.