އިނގިރޭސި ޕްރިމައަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ނިއުކާސަލް ޔުނައިޓެޑުން ފުރުސަތު ނަގާލައިފި އެވެ.
ނިއުކާސަލް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ބޯންމައުތުން ވަނީ 4-1 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ބޯންމައުތުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނިއުކާސަލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އޭގެ ފަހުން މެޗުގައި އިތުރު ތިން ލަނޑު ޖަހައިގެން ބޯންމައުތު ވަނީ މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބޯންމައުތަށް ކުރި ހޯދައިދިނީ ޖަސްޓިވް ކްލުއިވާޓް އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ބްރޫނޯ ގުއިމާރޭސް ޖެހި ލަނޑުން ނިިއުކާސަލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާުފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ކްލުއިވާޓް ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ބޯންމައުތަށް ކުރި ހޯދައިދީފަ އެވެ.
މެޗުގެ ދެ ވަަނ ހާފުގައި ބޯންމައުތުން ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގައި އެ ޓީމުގެ ޑަންގޯ އޮޓާރާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގައި ބޯންމައުތުގެ ފަހު ދެ ލަނޑު ވެސް ޖެހީ ކްލުއިވާޓް އެވެ. އެ ދެ ލަނޑު ވެސް އޭނާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ.
މެޗުން މޮޅުވެ، ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ޕޮއިންޓުގެ ގޮތުން ހަމަކުރުމުގެ ފުރުސަތު ނިއުކާސަލަށް އޮތް ނަމަވެސް، ބަލިވުމާ އެކު އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ލީގު ތާވަލްގެ ހަތަރު ވަނައިގައި ނިއުކާސަލް އޮތީ އެ ޓީމު ކުޅުނު 22 މެޗުން 38 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ފޮރެސްޓަށް 41 ޕޮއިންޓު ލިބެނީ ނިއުކާސަލަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.