ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މި ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. މިކަމާއި އުފާ ނުކުރާނެ އެއްވެސް ދިވެއްސަކު ވެސް އަދި މުސްލިމަކުވެސް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އިސްރާއީލާއި ހަމާސްއިން އާދީއްތަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު މިދިޔަ ހަފްތާގެ ބުދަ ދުވަހު އިއުލާންކުރެއްވުމާއި އެކު އެތައް ހާސް މުސްލިމުންނެއް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަމާއި މެދު އުފާކުރަމުންނެވެ. 15 މަސްދުވަހުގެ ނުރައްކާތެރި ހަނގުރާމަ ނިމުމަކަށް އައުމަށް މަގުފަހިކޮށްދޭ މި އެއްބަސްވުމާއި މެދު މުޅި ދުނިޔެ ދަނީ އުފާ ފާޅުކުރަމުންނެވެ. އެހެނީ މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ ރަހީނުން ދޫކޮށްލެވި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުވެގެންދާނެތީއެވެ. 7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،707 ފަލަސްތީނު މީހުން ޝަހީދުވެ، 110،265 މީހުން ވަނީ ޒަހަމްވެފައެވެ. މިއީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި އަދި ލާއިންސާނީ އަމަލުތައް ފެނިގެން ދިޔަ ހަނގުރާމައެވެ.
ކޮންމެއަކަސް މުޅި ދުނިޔެ ހަމަޖެހުމުގެ ނޭވާއެއްލާ ހަނގުރާމަ ނިމޭ ކަމުގެ އުފާ ފާޅުކުރަމުން ދިޔަ އިރު ރާއްޖޭގެ ސިޔާސީ ބޭފުޅުން، ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އުފާ ފާޅުކުރީ ތަފާތު މޭރުމަކުންނެވެ. ފެނުނީ ޝުކުރިއްޔާ ރައީސްގެ ލަފުޒުތަކެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ފަލަސްތީނާއި މެދު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރި މަންޒަރެވެ. އަޖައިބުވެ އަންތަރީސްވެއްޖައީމެވެ. ހީވާކަހަލައެވެ. މި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވީ ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އެކު ކުރެއްވި މަސައްކަތްތަކުންނެވެ. ނޫނީ މި ވާހަކަތައް އަވަސްކޮށްދިނުމުގައި މެދުވެރިޔަކީ އެ މަނިކުފާނުކަމަށް ހީވާ ކަހަލައެވެ.
ހަގީގަތަކީ އިސްރާއީލްގެ އަމަލުތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާންގަނޑެއް ވެސް ސަރުކާރަށް ގިނަ ފަހަރު ނެރެވުނީ އެކަން ނުކޮށްގެން އާއްމުންގެ ފާޑުކިޔުންތައް އޮއްސާލާ، ސަރުކާރު ހޫނުފެނަށް ވެއްޓުނީމައެވެ. ގިނަ ފަހަރު އެ ނޫން ހާލަތުގައި ސަރުކާރުން ތިއްބަވަނީ ހަނެވެ. ފަލަސްތީނަށް ފޮނުވަން ނިމިދިޔަ ސަރުކާރުން ނިންމި މަސްދަޅުކޮޅަށް ވީ ގޮތެއް ވެސް ބަހަބަރެވެ. އިޒްރޭލްގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލުގެ މައްސަލައަކީ ވެސް މި ދަނޑިވަޅުގައި ދައްކާލުން ރަނގަޅެއް ނޫންތޯއެވެ. ފެނިގެން މިދިޔަ މަންޒަރަކީ ދިވެހި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނުކެރި އޮއްވާ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ މަންޒަރެވެ. ލަދެއް ނުގަނޭ ބާއޭ ހިތަށް އަރައެވެ. ރައީސަށް ހުޝާމަތު ކުރާ އިރު މިހިރަކަންކަން ހަމަ ނޭނގެނީ ބާވައެވެ.
އެކިފަހަރު ދެއްކެވީ އެކި ބަހަނާތަކެވެ. އެއް ފަހަރު ވިދާޅުވާނެއެވެ. އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމާ މެދު ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭނެތާއެވެ. ޕާސްޕޯޓް މަނާނުކުރެވެނީ އެހެންވެ ކަމަށް ބުނާނެއެވެ. އަނެއް ބައި ފަހަރު އެއީ ޤައުމީ މަސްލަހަތު އެންމެ ރަނގަޅު ގޮތްތޯ ބަލާކަމަށް ބުނާނެއެވެ. އަނެއްބައި ފަހަރު އެ މަސައްކަތް ނުވަނީ ކަމާއި ބެހޭ ފަރާތްތަކުން އެއްގަލަކަށް ނާރާތީ ކަމަށް ވެސް އެބަ ބުނެއެވެ. އެކި ފަހަރު އެކި ލަވައެވެ. އެކި ރާގެވެ. އެކި ވާހަކައެވެ. އެނގޭހާވެސް ކަމަކީ އިސްރާއީލް ޕާސްޕޯޓް މަނާކުރާ ކަމަށް ބުނެ މުޅި ދުނިޔޭގެ ކުރިމަތީގައި މެޑަލްޖެހުމަށް ފަހު އަމަލުތައް ބެހެއްޓެވީ ދިމާ ނުއަތަށް ކަމެވެ.
މިހެން ބުނަންޖެހޭ ސަބަބުތައް ބައިވަރެވެ. ބައެއް ކަންކަމަށް ބަލާލާނަމެވެ. 20 ނޮވެންބަރު 2024 ގައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވީމަ ފަލަަސްތީނާއި މެދު އޮތް ކަމަށް އެ ބުނާ ލޯބި މި ބޭބޭފުޅުންގެ ޢަމަލަކުން ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޕާކު ކޮށްފައި އޮންނަތާ 150ށް ވުރެ ގިނަ ދުވަސް ވީފަހުން، އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސް ކުރީ ނިމިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެ ވެސް އެ މަސައްކަތް ޕާކްކޮށްފައި އޮންނާތީ ދިވެހިންގެ ލޭކެކި ފާޑުކިޔުންތައް ނުކަތާ ވަރަށް އިތުރުވުމުން ނިންމެވި ނިންމެވުމެވެ.
މިކަހަލަ ކިތަންމެ ކިތަންމެކަމެކެވެ. އެހެންވީމާ ފަލަސްތީނު ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން އެކަމުގެ މެޑަލް ޖަހާ، ތިމަންނާ މެންނަކީ އެ ގައުމުގެ ވަހުދަތަށްޓަކާ މާބޮޑު މަސައްކަތްތަކެއް ކުރި ބައެއްކަމަށް ދެއްކުމަކީ ލަދުވެތި ކަމެކެވެ. ދެރަވަރުކަމެކެވެ.