ނޫނޭ ވާ ސާބަހެވެ. އެ ވިދާޅުވީ އިޒްރޭލް ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމާ މެދު ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށެވެ. ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރުމުގެ ހުއްޖަތަކަށް ދައްކަވަން ފެނިވަޑައިގަތް އެންމެ ރަނގަޅު ބަހަނާއަކީ މިއީތާއެވެ. ކޮމިޓީގައި މި މަނިކުފާނު ވިދާޅުވަނީ މިއީ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. ހަމަޖެހިގެން އައި ޖުމުލައިގައި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން ހިންގަމުންގެންދަނީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށް ވިދާޅުވިއެވެ. ތެދުފުޅެކެވެ. އެކަމާއި ދެބަސް ވެވޭކަށް ވެސް ނެތެވެ. އެއީ ކަން ހިނގާ ހަގީގަތެވެ. ހައިރާންވީ ދެން ވިދާޅުވި ވާހަކައިންނެވެ. ވިދާޅުވީ މި އިސްލާހާ މެދު މަޖިލީހުން ގޮތެއް ނިންމަން ވާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
5 މަސް ދުވަސް ވަންދެން މަޖިލީހުގައި ކޮމިޓީގައި މައްސަލަ ޕާކްކުރައްވާފައި ބޭއްވެވި ސަބަބަކީ އެއީތޯއެވެ؟ އެ ވިދާޅުވަނީ ފަލަސްތީނުގެ އިތުރުން، މި މައްސަލައިގައި އަރަބި އެހެން ގައުމުތަކާއި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފާ ވެސް ހޯދަން ޖެހޭ ކަމަށެވެ. މި ފަސްމަސް ދުވަސް ވި އިރު އެކަން ކުރައްވަން ޖެހޭކަން ނުވަތަ އެއީ މުހިންމުކަމެއްކަން އެނގިވަޑައި ނުގަތްބާއެވެ؟ ނޫނީ އެ ބިލު ވިދާޅުވާން ހަގީގީ ފުރުސަތެއް ލިބުނީ އަދި ކިރިޔާބާއޭ ވެސް ހިތަށް އަރައެވެ. ދެން ދެއްކެވީ އަދި މާ މޮޅު ވާހަކައެވެ. އިޒްރޭލްގައި ވެސް އެތައް ސަތޭކަ މުސްލިމުން އުޅޭ ކަމަށާއި އިޒްރޭލް ޕާސްޕޯޓު މަނާ ކުރާއިރު އަވަސް އަރުވާލެވެން ނެތް ކަަމަށް ވިދާޅުވިއެވެ. ނޫނޭ ވާ ސާބަހެވެ. ފަލަސްތީނުގެ މުސްލިމުން ހަފުސްވާތަން ލޯކުރިމައްޗަށް ފެންނަ އިރު ވެސް އެކަމަކާއި އުދާސްކަމެއް ނެތެވެ. ހާސްކަމެއް ވެސް ނެތެވެ. އެކަމާއި އަވަސް އަރުވާލެވޭކަށް ވެސް ނެތެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ ލަސްވާތީ ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް، އެ މަސައްކަތް އަވަސްކުރަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)ން އެއްކޮޅުން ނިންމި އިރު އަދިވެސް މި ބޭބޭފުޅުންގެ ވާހަކަ ހުރި ގޮތް ނިކަން ބައްލަވާށެވެ. އެ ނިންމުންވެސް ނިންމެވީ ޕްރެޝަރ ބޮޑުވެގެން ދެން ކުރާނެ ކަމެއް ނެތިގެންނެވެ. އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބުދަ ދުވަހު ބޭރުކޮށްލީ ހަޑި ހުތުރު ގޮތަކަށެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. މިކަމުން އެކަނި ޕީއެންސީގެ ނިޔަތް އޮތްގޮތް އެނގޭ ނޫންތޯއެވެ.
ހަގީގަތަކީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް އަވަސްވާތަން އަދިވެސް ނުފެންނަ ކަމެވެ. އެހެންވީމަ އެ މަސައްކަތް ނުކުރަން މިކަހަލަ ކިތަންމެ ބަހަނާ އެއް އަދި މި ބޭފުޅުން ދައްކަވާނެއެވެ.