އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު ޗެލްސީ ސަލާމަތްވެއްޖެ އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ޗެލްސީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބޯންމައުތުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ހޯދައިފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޗެލްސީ ވަނީ ސަލާމަތްވެފަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކޯލް ޕާމާ އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބޯންމައުތުން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ލަނޑު ބޯންމައުތަށް ޖަހައިދިނީ ޖަސްޓިން ކްލުއިވާޓް އެވެ.
އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައި މެޗުގައި ލީޑު ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. މެޗުން ބޯންމައުތު މޮޅުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ ރީސް ޖޭމްސް އެވެ.
މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު ޗެލްސީ ހަތަރު ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 21 މެޗުން 37 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަތުން ހޯދި އެއް ޕޮއިންޓާ އެކު ބޯންމައުތު އޮތީ 21 މެޗުން 34 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.