ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަން އީސީއަށް ފޮނުވާފައިވާ ސައްހަ ނޫން ފޯމު ތަކުގައި ފާހަގަ ކުރެވޭ މިންވަރަކަށް ހޯމް މިނިސްޓްރީގެ އިސްވެރިން ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާތީ، އެބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފާވޭތޯ ސާފުކުރުމަށް ހުށަހަޅައިފިއެވެ.
އެގޮތުން މި ކަމާއި ގުޅިގެން ސުވާލުކުރުމަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ ސުވާލުކުރަން ހުށަހަޅާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާނުއާއެވެ.
މެންބަރު މީކާއިލް ހުށަހެޅުއްވި ސުވާލުގައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅޫވާލާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރޝިޕް ފޯމު ފުރާފައިވާކަން ހާމަވެފައިވާއިރު، މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅުތަކެއްތޯއެވެ. އަދި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ އެ މިނިސްޓްރީގެ އިސްވެރިންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯއެވެ.
ޕީއެންސީން ވަގުފޯމް ހުށަހަޅާފައިވަނީ ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުންކޮށްގެން، އެތަނުގައި ހުރި މީހުންގެ ޒާތީ މައުލޫމާތު ނަގައިގެންކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި މިކަން މިގޮތަށް ކުރާކަން ދޭހަވާ މޭރުމަކުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
އަސްމާ ވިދާޅުވީ އެކަންކުރި މީހުން އެނގޭ ކަމަށާއި، ހިތާމައަކީ ޕީއެންސީގެ ތެރެއިން އެކަން ކުރުން ކަމަށެވެ. އަސްމާގެ މެސެޖުގައި ވިދާޅުވެފައިވަނީ މިއީ މީހުން އިތުރުކުރާ ގޮތް ނޫން ކަމަށާއި، މިއީ ވަރަށް ވިޔާނުދާ ލަދުވެތި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މެންބަރުން އިތުރުކުރަން ހުށަހެޅި ފޯމުތަކުގައި ބޭނުންކޮށްފައިވަނި އައިޑީ ކާޑުގައި ހުންނަ ފޮޓޯތަކުގައި މީހާ ލައިގެން ހުންނަ ގަމީސް ބަދަލުކޮށްގެން ނުވަތަ ހެދުމުގައި ކުލަ ޖައްސައިގެން ކަމަށެވެ.
މީގެ އިތުރުން ޕީއެންސީން މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ޑީއެންއާރު ތެރޭގައި ހޯމް މިނިސްޓްރީގެ ސިޔާސީ އިސްވެރިން ފޯމު ފުރާ އިނގިލީގެ ނިޝާން ޖަހަންތިބި ފޮޓޯތަކެއް ވެސް ވަނީ އާންމުވެފައެވެ. ނަމަވެސް ހޯމްލޭންޑް މިނިސްޓަރު މިހާތަނަށް ވެސް މިކަމާއި ގުޅިގެން އެއްޗެއް ވިދާޅުވެފައި ނުވެއެވެ.