ކ. މާލެ
|
13 ޖެނުއަރީ 2025 | ހޯމަ 12:15
 އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީ
އެމްޑީޕީން މަގުމަތީ ހަރަކާތަށް
މިހާރު އަޑު ނުއުފުލާ ތިބެއްޖެ ނަމަ އަލުން އަނބުރާ ހޭރިޔާ ނުކުރެވޭ ހިސާބަށް ގައުމުގެ ކަންކަން ހިގައިދާނެ - ޝާހިދު
އާއްމު ރައްޔިތުންގެ ކަންކަން ކޮންޓްރޯލްކުރުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅެމުންދާ ކަމަށް އޭނާ ވިދާޅުވި
އާއްމުންގެ ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަންކުރަން މަޖުބޫރުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް ޝާހިދު ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކަންކަން ދާގޮތުން، މިހާރު އަޑު ނުއުފުލާ ތިބެއްޖެ ނަމަ އަލުން އަނބުރާ ހޭރިޔާ ނުކުރެވޭ ހިސާބަށް ކަންކަން ހިގައިދާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މި ސަރުކާރުން ވަނީ ރާއްޖޭގެ ކަންކަން ހަރާބުކޮށްލާފައި ކަމަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން 31 ޖެނުއަރީގައި މަގުމައްޗަށް ނުކުންނަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ދުވަހުގެ ހަރަކާތުގެ ތަފްސީލް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެ ހަރަކާތް ކުރިއަށް ދާނީ "ފުދިއްޖެ، ފުނޑިއްޖެ" މި ނަމުގައި ކަމަށެވެ. ހިނގާލުމުގެ ސިފައިގައި ކުރިއަށް ގެންދާ އެ ހަރަކާތް އިޝްތިހާރުކުރުމަށް ކަންމަތީ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހަރަކާތްތައް ހިންގާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ ރައްޔިތުން އެ ހަރަކާތަށް އެއްވުމަށް ދައުވަތުއަރުވާ ކަމަށެވެ. އެ ހިނގާލުމުގައި ބައިވެރިވެ އަޑު އުފުލުން މުހިންމުކަމަށާއި ކަންކަމާއި އަޑު ނުއުފުލާ ހިމޭނުން ތިބެއްޖެ ނަމަ ކަންކަން އަލުން ހަރުދަނާ ނުކުރެވޭ ވަރަށް ހަރާބުގެ މަގަށް ކަންކަން ހިނގައިދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ސަރުކާރުން ނުރަނގަޅުކޮށް ކުރާ ފަސް ކަމެއް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަބްސިޑީ ކަނޑާލުމާއި އިންތިހާ އަށް ޓެކްސް ބޮޑުވުން އެއީ ކަންބޮޑުވުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މަހުން މަހަށް ދިވެހިން ކުރާ ޚަރަދު އިތުރުވާނެކަން 2025 ގެ ބަޖެޓުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ސަރުކާރުން ދިވެހިން ސަލާންޖަހަން މަޖުބޫރުކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަލުން ބަލުން އަސާސީ ކަންކަން ހޯދަންޖެހިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ކާބޯތަކެއްޗާއި، ދަތުރުފަތުރު އަދި ކަރަންޓުން ސަބްސިޑީ ކަނޑާލުމަކީ ބޮޑު ކަންބޮޑުވުމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ބޭރުގެ ގިނަ ހޮސްޕިޓަލްތަކުން އާސަންދަ ކަނޑާލުމާއި، ބޭސްތައް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. ނަތީޖާ އަކީ ރައްޔިތުން ފުނޑިގެން ދިއުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މިހާރު ރާއްޖެ ދަނީ މާޒީގައި ރައްޔިތުން ދެކެފައިވާ ފަދަ ހިތި ދުވަސްތަކަކާއި ދިމާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފަސްކަމެއް. ސަލާންޖަހަން މަޖުބޫރުކޮށްފިއޭ. ތިބޭފުޅުންގެ ސުވާލަކަށް ވެދާނެ ސަލާމްޖަހަން މަޖުބޫރުވީ ކިހިނެތްހޭ. ރާއްޖޭގެ ކަން ހިނގަމުން އައި ގޮތް. އެމްޑީޕީން ޓެކްސް ތައާރަފްކުރީ ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދާދިނުމަށް. އެމްޑީޕީ ސަރުކާރުން ޓެކްސް ބޭނުންކުރީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް. ސަބްސިޑީ ދިނުމަށް. ކަންކަން ލުއިކޮށްދިނުމަށް.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ ޤާނޫނާއި ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް މިއަދު ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ. އާއްމު ރައްޔިތުންގެ ކަންކަން ކޮންޓްރޯލްކުރުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ 9 ޖެނުއަރީ 2025ގައެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފާސްކުރީ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ. މި ބައްދަލުވުމުގައި ރިޔާސަތުން ހުށަހެޅީ 31 ޖެނުއަރީގައި "ގާނޫނުއަސާސީގެ ދިފާއުގައި" މަގުމައްޗަށް ނުކުތުމަށެވެ.

- ކޮމެންޓް