ކ. މާލެ
|
3 ޖެނުއަރީ 2025 | ހުކުރު 09:42
02 ޖަނަވަރީ 2025 - އިސްރާއީލުގެ ހަމަލާ އެއްގައި ޝަހީދުވި ފަލަސްތީނު މީހުންގެ ހަށިތައް އައް ޒަވައިދާ ހޮސްޕިޓަލަށް ގެންނަނީ
02 ޖަނަވަރީ 2025 - އިސްރާއީލުގެ ހަމަލާ އެއްގައި ޝަހީދުވި ފަލަސްތީނު މީހުންގެ ހަށިތައް އައް ޒަވައިދާ ހޮސްޕިޓަލަށް ގެންނަނީ
ގެޓީ އިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ފެނާއި، ކާނާ އާއި ކަރަންޓުގެ ހުރިހާ ވަސީލަތްތައް މުޅިން ނައްތާލުމަށް ޑިފެންސް މިނިސްޓަރަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފި
އެމީހުން ގޮވާލާފައިވަނީ އަމާން ދީ "ހުދު ދިދަ އެއް ހިފައިގެން ނެތް" އުތުރު ޣައްޒާ ގައި އުޅޭ ކޮންމެ މީހަކު މަރާލުމަށް

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ ގެ ފެނާއި، ކާނާ އާއި ކަރަންޓުގެ ވަސީލަތްތައް  މުޅިން ނައްތާލުމަށް ކްނެސެޓްގެ މެންބަރުން އިސްރާއީލުގެ 'ދިފާއީ' ވަޒީރަށް ގޮވާލައިފިއެވެ.

އިސްރާއީލުގެ ކްނެސެޓްގެ 8 މެންބަރުން އިސްރާއީލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޓްޒަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކްނެސެޓްގެ ފޮރިން އެފެއާޒް އެންޑް ޑިފެންސް ކޮމިޓީގެ މެންބަރުން ބުނެފައިވަނީ އިސްރާއީލުގެ ސިފައިންގެ އޮޕަރޭޝަންތަކުން ހަނގުރާމަ އަށް ކަނޑައެޅިފައިވާ ސިޔާސީ މަޤްޞަދުތައް ހާސިލުނުވާ ކަމަށެވެ.

ޣައްޒާ ގައި، ޚާއްޞަކޮށް އުތުރު ޣައްޒާ ގައި ހިންގަމުންދާ އަނިޔާވެރިކަން ކުރިއަށް ދާއިރުވެސް، މި ސިޓީގައި ސޮއިކުރި ފަރާތްތަކުން ބުނެފައިވަނީ އުތުރު ޣައްޒާ ގެ ރައްޔިތުން ދެކުނަށް ބަދަލުކުރުމަށް މިހާރު ރޭވިފައިވާ ޕްލޭންތައް "ރަނގަޅަށް" ތަންފީޒު ނުކުރެވޭ ކަމަށެވެ.

ކްނެސެޓްގެ މެންބަރުން ކަޓްޒަށް ގޮވާލައިފައިވަނީ ހަނގުރާމައިގެ ސްޓްރެޓެޖީތައް އަލުން ވަޒަންކުރުމަށެވެ. އެ ފަރާތްތަކުން ބުނެފައިވަނީ އުތުރު ޣައްޒާ ހިސޯރު ކުރުމަށްފަހު އަދި އެތަނުގެ ރައްޔިތުން އެ ސަރަހައްދުން ގަދަކަމުން ބޭލުމަށްފަހު، ސިފައިން އެ ސަރަޙައްދުގެ ކަރަންޓާއި، ކާނާ އާއި އަދި ފެނުގެ ހުރިހާ ވަސީލަތްތައް ނައްތާލަން ޖެހޭނެ ކަމަށެވެ. އަދި އެމީހުން ގޮވާލާފައިވަނީ އަމާން ދީ "ހުދު ދިދަ އެއް ހިފައިގެން ނެތް" އުތުރު ޣައްޒާ ގައި އުޅޭ ކޮންމެ މީހަކު މަރާލުމަށެވެ.

މީގެ އިތުރުން، އެމީހުން ބާރުއަޅާފައިވަނީ މި ފިޔަވަޅުތައް އަޅަންވީ ހަމަ އެކަނި އުތުރު ޣައްޒާ ގައި އެކަނި ނޫން ކަމަށާއި ޣައްޒާގެ އެހެން ސަރަޙައްދުތަކަށްވެސް ފިޔަވަޅުތައް ފުޅާކުރުމަށެވެ.

- ކޮމެންޓް