ކ. މާލެ
|
2 ޖެނުއަރީ 2025 | ބުރާސްފަތި 19:32
ވިއްސާރަވެ، މާލެ މަގުތަކުގައި ފެންބޮޑުވެފައި
ވިއްސާރަވެ، މާލެ މަގުތަކުގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
މޫސުމަށް ސަމާލުވުން
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި
ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
ވައިޓް އެލަރޓް ނެރެފައިވަނީ ހަވީރު 5:30ން ފެށިގެން ދަންވަރު 12:30ށް

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައިވަނީ ހަވީރު 5:30ން ފެށިގެން ދަންވަރު 12:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ވަގުތުގައި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުރތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފައިވާތީ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްވެސް ކޮށްފައެވެ.

ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 5 ވަނަ ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި, ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަންކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަމެޝިން, އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ، ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުމާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުމުގެ އިތުރުން ބޭނުންނުކުރާ ނަމަ, ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި, ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުމާއި ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން ފަދަ ކަންކަމަސް ސަމާލުވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

އެންޑީއެމްއޭގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ވަނީ ކަމާ ބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނީ މާދަމައިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ވައި ޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ނިމުތު ކުރެވޭ ކަމަށެވެ.

ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް