އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ބިރުވެރިކަން 15 މަސް ދުވަހު މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެކަން އެހެން ހިނގަމުން ދިޔައިރު ދުނިޔެ އިން އެކަން ބަލަހައްޓައިގެން ހަނުތިބީ ކަމަށް އދ. ގެ ފަލަސްތީނާ ބެހޭ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
2024 ވަނަ އަހަރުގެ އެންމެ ފަހު ދުވަހު، އަންރުވާ ގެ ޑިރެކްޓަރ ޖެނެރަލް ފިލިޕް ލަޒަރީނީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އިސްރާއީލުގެ ވެރިކަމުން ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ބިރުވެރިކަމުގެ އައު މައުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ.
ލަޒަރީނީ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނަސްލު ނައްތާލުމުގެ ކެމްޕޭން ފެށުނީއްސުރެ، އިސްރާއީލު ބާރުތަކުން އަންރުވާ ގެ ހިޔާވަހިކަމުގައި ތިބި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުންގެ ތެރެއިން މަދުވެގެން 745 މީހުން މަރާލައި، އިތުރު 2،200 މީހުން ޒަޚަމް ކޮށްލާފައިވެއެވެ.
އިސްރާއީލު ވެރިކަމުގެ ބާރުތަކުން އަންރުވާ ގެ އިމާރާތްތަކާއި ވަސީލަތްތަކަށް 650 ފަހަރު ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އިމާރާތްތަކާއި ވަސީލަތްތަކުގެ "ތިން ބައިކުޅަ ދެބައި" ހަލާކުކޮށް ނުވަތަ ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މި އިމާރާތްތަކުގެ ތެރޭގައި ގިނައިން ހުރީ ހަނގުރާމައިގެ ކުރިން ކުޑަކުދިންގެ ސްކޫލުތަކެއްގެ ގޮތުގައި ބޭނުންކުރެވުނު ތަންތަނެވެ."
އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާ ތަކުގައި މިހާތަނަށް "އަންރުވާ ގެ 258 މުވައްޒަފުން މަރާލެވިފައިވެއެވެ."
ލަޒަރީނީ ވިދާޅުވީ "އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަށާއި، އިމާރާތްތަކަށާއި މަސައްކަތުގެ މާހައުލުގެ ރައްކައުތެރި ކަން ކަށަވަރު ކޮށްދިނުމުގައި އިސްރާއީލުން ސިސްޓަމެޓިކް ގޮތެއްގައި އިހުމާލުވުމާ ގުޅޭގޮތުން" މިނިވަން ތަޙުޤީޤުތަކެއް ހިންގުމަށް ގޮވާލައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަމަށް އިސްރާއީލަށް އަދަބު ނުލިބި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
"ހޮސްޕިޓަލްތަކަކީ އަމާޒުތަކަކަށް ވެގެން ނުވާނެއެވެ،" އޭނާ ވިދާޅުވިއެވެ. މިއީ ޚާއްޞަކޮށް ފާއިތުވި ހަފްތާގައި އުތުރު ޣައްޒާގައި އިސްރާއީލުން ހޮސްޕިޓަލްތަކަށް އަމާޒުކޮށް ދީފައިވާ ބޮޑެތި ހަމަލާތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެއްޗެއްގެ ގޮތުގައި ބެލެވެއެވެ.
ލަޒަރީނީ ޣައްޒާ ހިސޯރު ކުރުން ނިމުމަކަށް ގެނައުމަށާއި "ވަރަށް ބޮޑަށް ބޭނުންވެފައިވާ އިންސާނީ އެހީގެ ތަކެތި ޚާއްޞަކޮށް ފިނިމޫސުމަށް ބޭނުންވާ ތަކެތި" ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.