ކ. މާލެ
|
1 ޖެނުއަރީ 2025 | ބުދަ 18:31
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރ ޔައުގޫބް އަބްދުﷲ
ރާށްޖެ ޓީވީގެ "2024 ކުރުކޮށް" ޕްރޮގްރާމެ ތެރެއިން
ވެރިކަމުގައި ރައީސް މުއިއްޒު ހުންނަވައިގެން މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތެއް އެއްވެސް މުއައްސަސާއަކަށް ނުލިބޭނެ: ޔައުޤޫބް
އޮޑިޓަރ ޖެނެރަލް އާއި އެންޓި ކަރަޕްޝަން ކޮމިޝަނަށް ވެސް މި ސަރުކާރުން އޮތީ ބިރުދައްކާފަ
ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް އޮތީ ރައީސަށް ވެދުމަކަށް އަރުވާފަ

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން މިނިވަންކަމާއި އެކު މަސައްކަތް ކުރުވުމުގެ އެއްވެސް ފުރުސަތެއް ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ނުލިބޭނޭ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާށްޖެ ޓީވީން ގެނެސްދިން "2024 ކުރުކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ވިދާޅުވީ މި ސަރުކާރުން ފުރަތަމަވެސް ކުރަން ފެށިކަމަކީ ސީދާގޮތުންނާއި ނުސީދާ ގޮތުން މުއައްސަސާތަކަށް ބިރުދެއްކުމާއި އެ މުއައްސަސާތަކުގެ ބާރު ކަނޑުވާލުން ކަމަށާއި އެގޮތުން އޮޑިޓަރ ޖެނެރަލް އަށާއި އެންޓި ކަރަޕްޝަން ކޮމިޝަނަށް ވެސް އޮތީ ބިރުދައްކާފައި ކަމަށެވެ.

ޔައުޤޫބް ވިދާޅުވީ އޮޑިޓަރ ޖެނެރަލް އާއި އެންޓި ކަރަޕްޝަން ކޮމިޝަން ފަދަ ތަންތަނަށް ޤާނޫނު އަސާސީ އަށް ބަދަލުގެނެސްގެން ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރައްވާ ވެރިންތަކެއް އަޔަން ކުރައްވާފައިވާ ކަމަށާއި އެގޮތުން ބިރުދައްކާފައިވާ ސަރުކާރަކާއި ދެކޮޅަށް މިނިވަން އެއްވެސް މުއައްސަސާއަކުން އެއްވެސް ބަހެއް، އެއްވެސް ފިޔަވަޅެއް އަޅަން ނުކެރޭނޭ ކަމަށެވެ.

ޔައުޤޫބް ވިދާޅުވީ ޔައްޔިތުންގެ މަޖިލީހަކީ އޮޑިޓަރ ޖެނެރަލް އަށް ވުރެ ވެސް މާ ބާރުގަދަ ތަނެއް ކަމަށާއި ނަމަވެސް މަޖިލިސް މެމްބަރުންނަށް ވެސް ބިރުދައްކާފައި އޮތުމުން، ސަރުކާރުދެކެ ގަންނަ ބިރަށް އެ މީހުންނަށް ލިބިފައި އޮތް އަމިއްލަ ބާރު ވެސް ރައީސަށް ވެދުމަށް އަރުވާފައިވާ ކަމަށެވެ. އަދި ކަން މިހެން ހުރުމާއި އެކު، މިހާރުގެ ރައީސް ޑރ. މުއިއްޒު ވެރިކަމުގައި ހުންނަވައިގެން އެއްވެސް މިނިވަން މުއައްސަސާއަކަށް ފުރުސަތެއް ނުލިބޭނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު މި ސަރުކާރުން އެންމެ ފުރަތަމަވެސް ކުރަން ފެށި މަސައްކަތަކީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމާ މިނިވަން މުއައްސަސާތަކަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ބިރުދެއްކުން. އަޅުގަނޑަށް ޔަގީން އޮޑިޓަރ ޖެނެރަލް އަށް އޮތީ އެ ބިރު ދައްކާފަ. ހަމަ އެގޮތަށް އެންޓި ކަރަޕްޝަން ކޮމިޝަނަށް ވެސް އޮތީ އެ ބިރު ދައްކާފަ. އެއީ އެތާނގެ ވެރިއަކަށް ހުންނަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަރާތެއްގެ ގޮތުގަ، ޤާނޫނަށް ބަދަލުތަކެއް އެހެރީ ގެންނަވާފަ. އެ ބިރު ދައްކަވާފަ އޮންނަ ސަރުކާރަކާ ދެކޮޅަށް އޮޑިޓަރ ޖެނެރަލަން ކީއްކުރަންތޯ ސަރުކުކާރުގެ މިނަވަން އެއްވެސް އިންސްޓިޓުޝަން އަކަށް ނުކެރޭނެ ކަން އަޅުގަނޑަށް ހަމަ ޔަގީން. އޮޑިޓަރ ޖެނެރަލަށް ވުރެ މާ ބާރުގަދަވާނެ ނޫންތޯ ރައްޔިތުންގެ މަޖިލިސް. މަޖިލިސް މެމްބަރުންނަށް ވެސް ބިރުދައްކާފައި އޮތުމުން، ސަރުކާރުދެކެ ގަންނަ ބިރަށް އެ މީހުންނަށް ލިބިފައި އޮތް އަމިއްލަ ބާރު ވެސް އެވަނީ ރައީސަށް ވެދުމަށް އަރުވާފަ ނޫންތޯ.
ޔައުޤޫބް އަބްދުﷲ

ޔައުޤޫބް އިތުރަށް ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރަކީ ކޮންމެ ދުވަހަކުވެސް ތަރައްގީގެ މަޝްރޫއުތައް ފެށިގެން ނޫނީ ނިމިގެން ދާ ދުވަހެއް ކަމަށާއި ނަމަވެސް އެއާއި ޚިލާފަށް މި ސަރުކާރުގެ ތެރެއިން ވޭތުވެގެންދާ ކޮންމެ ދުވަހަކީ ވައްކަމާއި ހިޔާނާތާއި، ކަރަޕްޝަނާއި، ފަސާދަ އާއި މިހެން ގޮސް އެތައް ކަމެއް ފަޅާ އަރާ ދުވަހެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ކުރާ ވައްކަންތައް ހާމަވެސް ނުކުރާ ކަމަށާއި، އަދި ވައްކަންތައް ފަޅާ އަރަނީކީ ވެސް ނޫންކަމަށެވެ. މި ސަރުކާރުން ކުރަމުން ގެންދާ ބޮޑެތި ވައްކަންތައް އެމްޑީޕީގެ މަސައްކަތުން ފަޅާ އަރުވަނީ ކަމަށް ޔައުޤޫބް ވިދާޅުވިއެވެ. އެގޮތުން އެޗްޑީސީގެ ވައްކަމާއި އެފްއެސްއެމް ގެ ތެލުގެ ވައްކަން ފަދަ ބޮޑެތި ވައްކަންތައް އޭނާ ފާހަގަކުރިއެވެ.

- ކޮމެންޓް