"އޮން ސްޕްޓް ބިލިންގ" ގެ ޚިދުމަތް އެމްޑަބްލިޔުއެސްސީން ތައާރަފު ކޮށްފިއެވެ.
މި ޚިދުމަތް އެމްޑަބްލިޔުއެސްސީން ތައާރަފު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.
"އޮން ސްޕްޓް ބިލިންގ" ޚިދުމަތަކީ މީޓަރުގެ ރީޑީންގ ނެގުމަށް ފަހު ކަސްޓަމަރުންނަށް ވަގުތުން ބިލް ހަވާލުކުރެވިގެންދާނެ ޚިދުމަތެކެވެ. އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި މި ޚިދުމަތުގެ ސަބަބުން ބިލިންގގެ ޚިދުމަތަށް ހޭދަވާ ވަގުތާއި ބިލްތައް ތައްޔާރު ކުރުމަށްޓަކައި ކަރުދާހަށް ދިޔަ ޚަރަދުތައް ސަލާމަތްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ އިތުރު ދެ ޚިދުމަތެއް ވެސް ތައާރަފު ކޮށްފައެވެ. އެއީ "އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން" އާއި "ސެލްފް ސާރވިސް ކިއޮސްކް" ގެ ޚިދުމަތެވެ.
އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމަށް ލުއި ފަސޭހަވެގެންދާނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕްލްގެ އެޕް ސްޓޯރުން ޑައުންލޯޑް ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސެލްފް ސާރވިސް ކިއޮސްކް ބޭނުން ކުރައްވާ ފަރާތްތަކަށް ޚިދުމަތްތައް ލުއި ފަސޭހަވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ. . އަދި މި ޚިދުމަތް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލަށް ފައިސާ ދެއްކުމުގެ އިތުރުން ބިލްގެ މައުލޫމާތާއި އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް އެއްތަނަކުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އޮން ސްޕްޓް ބިލިންގ" ޚިދުމަތަކީ ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރި ޚިދުމަތެކެވެ.