އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަމުންގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުސޫލުތަކާއި، ކުންފުނިތަކުން އެ މިނިސްޓްރީ އާއި އެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ.
އެގޮތުން އުމްރާއަށް މީޙުން ގެންދިއުމުގެ އުސޫލުގެ 19 ވަނަ މާއްދާއަށް އަމަލުކޮށްފައި ނުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެކަމަށާއި އޭގެތެރޭގައި ހުއްދަ ބާތިލުކުކުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އުމްރާވެރިންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭ ކަންކަން އެ މިނިސްޓަރީން ކުރައްވާނެކަމަށާއި އުމްރާއަށް މީހުން ގެންދިޔުމުގައި އެކި ފަރާތްތަކުން މަކަރާއި ހީލަތްހަދާ މައްސަލަތައް މީގެކުރިން ފެންމަތިވެފައިވާކަމަށެވެ. މިގޮތުން އިތުރަށް ފައިސާނެގުމުގެ މައްސަލަތަކާއި ޢުމްރާގެ އަޅުކަން އަދާކުރުމަށްގޮސް އެނބުރި ރާއްޖެ އައުމަށްވެސް ދަތިތަކާ ކުރިމަތިލާންޖެހިފައި އެބަހުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލްގައިވާގޮތުން މިނިސްޓްރީން ހުއްދަދީފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ވެއްޖެނަމަ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 1،000 ރުފިޔާއާއި 1،00،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބެއެވެ. އަދި ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް ޢަމަލެއް ކޮށްފިނަމަ އެ ކުންފުންޏެއް 1،00،000 އާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި ހުއްދަ ބާތިލުކުރުމާއި ހިފެހެއްޓުމުގެ އިތުރަށް މައްސަލައިގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެ މައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ މައްސަލަ ތަޙުގީގުކޮށް ޝަރީއަތަށް ފޮނުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވާގޮތަށް އެ އުސޫލުގައި ވެއެވެ.
މީގެ އިތުރުން އެ މައްސަލަ އަކީ މަދަނީ މައްސަލައެއް ނަމަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް ވެސް އެ އުސޫލްގައިވެއެވެ.
ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 50 އަށްވުރެ ގިނަ ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދޫކޮށްފައެވެ.