އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެ އެވެ.
އެވަޓަންގެ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މެޗުގައި ޗެލްސީން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.
މެޗު ފަށައިގެން ޗެލްސީގެ ކޯލް ޕާމާ އެވަޓަންގެ ގޯލު އޭރިޔާ ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ، ނިކޮލަސް ޖެކްސަން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، އެވަޓަންގެ ގޯލު ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ބޯޅަ ސަލާމަތް ކޮށްފަ އެވެ. އޭގެ ފަހުން އެންޒޯ ފެނާންޑޭސް ތަނަވަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލަން ޖެކްސަން މަސައްކަތް ކުރި ނަމަވެސް، ޕިކްފޯޑް ވަނީ އެ ބޯޅަ ވެސް މަތަކޮށްފަ އެވެ.
މެޗުގައި އެވަޓަންގެ އޮރެލް މަންގަލާ ފޮނުވާލި ނުރައްކާތެރި ބޯޅަ ޗެލްސީގެ ގޯލު ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، ޗެލްސީގެ އޭރިޔާ ތެރެއިން އެވަޓަންގެ ޖެކް ހެރިންސަން ފޮނުވާލި ބޯޅަ ވެސް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ. ތިން ވަނަ ފުރުސަތެއްގައި އެވަޓަންގެ ޖެސްޕާ ލިންޑްސްޓޮން ފޮނުވާލި ބޯޅަ ސަންޗޭޒްގެ އަތުގައި ޖެހި ރީބައުންސަށް ނިކުތް ވަގުތު، އިލިމާން އެންޑިއާއޭ ފޮނުވާލި ބޯޅަ ހުއްޓުނީ ޗެލްސީގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ.
މެޗުން މޮޅުވެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ޗެލްސީން ވަނީ ނަގާލައިފަ އެވެ. ލީގު ތާވަލްގެ ދެ ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 35 ޕޮއިންޓާ އެކު އެވެ. އެއް ވަަނައިގައި ލިވަޕޫލް އޮތީ ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.