އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރކަމުން ފަޒުލް ރަޝީދު އިސްތިއުފާދެއްވުމަކުން ނުފުދޭ ކަމަށާއި މައްސަލަ ބަލާ ސާބިތުވާ ނަމަ ލާންވީ ޖަލަށް ކަމަށް ފްލެޓާއި ގޯތި މައްސަލައިގައި މުޒާހަރާކުރަމުންދާ އާއްމުން ބުނެފިއެވެ.
އާދިއްތަ ދުވަހު އާއްމުން ވަނީ ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެ ސަރަހައްދަށް އެއްވެފައެވެ. ފުލުހުން އާއްމުންނަށް ދަރުބާރުގެއަށް ވަންނަން ފުރުސަތު ނުދިނުމުން އާއްމުން ވަނީ އެ ސަރަހައްދުގައި އަޑު އުފުލާ އިހުތިޖާޖުކޮށްފައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އިސްތިއުފާދެއްވީ ހޮނިހިރު ދުވަހުގެ ރޭގައެވެ. އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ އެ މަޤާމުގައި ހޭދަކުރި މުއްދަތުގައި އޭނާ އާއި މެދު ތަފާތު އެކި ތުހުމަތުތައް ކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ އާއި އެހެން ޕްލެޓްފޯމްތަކުގައި ކުރާ ތުހުމަތުތައް ހިމެނޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އޭނާ މަޤާމަށް އައްޔަންކުރި ފަހުން ކުންފުނީގެ ފަރާތުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގެ ޕޮލިސީތަކުގެ މަތިން ކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ކުރީ ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އާއްމުން ބުނީ ފަޒުލް އިސްތިއުފާ ދިނީ އެ ނޫން އެހެން ގޮތެއް ނެތުމުން ލަދުން ކަމަށެވެ. އަދި މި މައްސަލަ އާއި މެދު ސަރުކާރުގެ އިޚުލާސްތެރިކަމެއް ނުފެންނަ ކަަމަށް އާއްމުން ވަނީ ބުނެފައެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ މި ހާ ހަޔާތް ކުޑަ ވެރިކަމެއް މުޅި ދިވެހި ތާރީހުގައި ވެސް ދެކެފައި ނުވާ ކަމަށެވެ. މި ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާ ކަަމަށާއި މުޅި ސަރުކާރު އެއްކޮށް އިސްތިއުފާ ދޭން ޖެހޭ ކަމަށް އާއްމުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ ގޯއްޗާއި ފްލެޓް ފޭރިގަނެނެގެން ދީފައި އެ ހުރީ މެމްބަރުންނަށް. އަދި ސަރުކާރުން ހިތު ހުރި ގޮތަކަށް އެ ދަނީ ބަހަމުން. އަޅުގަނޑުމެން ދިވެހިންނެއް ބަލާކަށް ނުތިބޭނަން.އާއްުން
އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ ކަން ބުދަ ދުވަހުގެރޭ އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފާޒުލްގެ ވާހަކައިން ވަނީ ފަޅާ އަރާފައެވެ. އާއްމުން ވަނީ އެ މައްސަލަ އާއި ފުލުހުންގެ އިސް މީހުން ހިމެނޭހެން ނުފޫޒު ގަދަ މީހުންނަށް ފްލެޓާއި ގޯތި ލިބުނު މައްސަލަތައް ބަލަން ގޮވާލާފައެވެ. މިއީ ރައްޔިތުންގެ ހައްގު ނިގުޅައިގަތުން ކަަމަށް ވެސް އާއްމުން ބުނެއެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޫނުކޮށް ހިފަހައްޓަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މިހާރު ވެސް ދިރިއުޅެމުން މިދަނީ ވަރަށް ހާލުގައި ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އެގޮތުން އެއް ކޮޓަރި އެއްގައި ދަރިންނާއި، މައިންބަފައިން ގޮވައިގެން ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އާއްމުން ވަނީ ފްލެޓާއި ގޯތި ނުދީ ސަރުކާރުން ލަސްކުރަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ފާހަގަކޮށް އެކަމަށް ފާޑު ކިޔާފައެވެ. އަދި އާއްމުން ވަނީ ސަރުކާރުގެ އިސް ބައެއް ވެރިންގެ އިސްތިއުފާ އަށް ގޮވާލާފައެވެ. ގޯއްޗާއި ފްލެޓު ދިނުމުގައި މިސަރުކާރުން އިހުމާލުވަމުންދާކަމަށާއި ކަންކަމުގެ ހަގީގަތް ހާމަ ނުކުރާ ކަމަށް އާއްމުން ވަނީ ބުނެފައެވެ.