އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަން ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ތިން ވަނައިގައިި ދެމި އޮވެއްޖެ އެވެ.
ޕެލަސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ލީޑު ނަގާފައި ވަނިކޮށް، ޕެލަސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް އާސެނަލް އިން ވަނީ ހަތަރު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ގަބްރިއަލް ޖީސޫސް އެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ޕެލަސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސްމާއިލާ ސާ އެވެ. އޭގެ ތިން މިނެޓު ފަހުން ޖީސޫސް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް އާސެނަލަށް ކުރި ހޯދައިދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖެހީ ގަބްރިއަލް މާޓިނެލީ އެވެ. އެ ލަނޑު އޭނާ ޖެހީ ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް، އާސެނަލްގެ ފަސް ވަނަ ލަނޑު ޖެހީ ރައިސް އެވެ. އެ ލަނޑު އޭނާ ޖެހީ ރިކާޑޯ ކަލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު އާސެނަލް ތިން ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓު ހޯދައިގެންނެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި ޗެލްސީ އަށް ލިބެނީ 34 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް، ޗެލްސީ އަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.