ކ. މާލެ
|
21 ޑިސެންބަރ 2024 | ހޮނިހިރު 19:26
 ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ސަރުކާރުގެ ޚިޔާނާތް
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
މި މައްސަލަ އޭސީސީ އަށް ނުބެލޭނެ ކަމަށާއި އެ އިޚުލާސްތެރިކަން އޭސީސީގެ ކިބައިގައި ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި
މީގެ ކުރިން ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ވެސް ބައެއް މީހުން ނުފޫޒުން ބިމާއި ގޯތި ހޯދާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ ވަޒީރުންނަށް ވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ ކަމަށާއި އެ މައްސަލަ އެއް ނުބެލޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރާ ނަމަ މިހާރު އެ މައްސަލަތައް ހުންނާނީ ބެލިފައި ކަމަށް ވިދާޅުވެފައެވެ. އެޗްޑީސީ ގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަށް ހުޅުމާލެ އިން ބިމެއް ދިން މައްސަލަ ފެންމަތިވުމުން އެކަން ދިފާއުކުރައްވަން ފަޒުލް މަސައްކަތްކުރެއްވިއެވެ.

ބުދަ ދުވަހު މައްސަލަ ފަޅާ އަރާ އާންމުން ނުކުމެ އެޗްޑީސީ އޮފީހުގެ ދޮރުމަތީގައި ހިނގައިގެން އުޅޭ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވަނިކޮށް ބުރާސްފަތި ދުވަހު ފަޒުލް ވަނީ މަސްއޫލިއްތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.

ފަޒުލް އާ މެދު ވަގުތީ ފިޔަވަޅެއް އެޅި އިރު، އޭނާ ވަނީ ބުދަ ދުވަހުގެ ރޭ އެޗްޑީސީ ގައި ކުއްލި ނޫސް ކޮންފަރެންސް އެއް ބާއްވާ އޭނާގެ ބޭބެ އަށް ވަގަށް ގޯތި ދިން މައްސަލަ ދިފާއު ކުރައްވަން މަސައްކަތް ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަން ރައީސް މުއިއްޒު އަށް އެނގިލައްވާނީ އިއްޔެ އަކު މިއަދަކު ނޫން ކަމަށެވެ. ސަރުކާރުން އޮތީ އެކަން އެނގުމުން އޮއްބާފައި ކަމަށް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް ބުނެ ސަރުކާރުން ދައްކަނީ ދަޅަތަކެއް ކަމަށާއި އެކަން ކުރައްވަނީ އާއްމުންނަށް އޮޅުވާލުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްވެސް ފިޔަވަޅެއް ނާޅާ އެ ދިޔައީ. މިކަމުގަ ގޮތް ހުސްވެގެން ފުލުހުން އެތަނަށް ފޮނުވީ. އަބްދުއްރަހީމާ، ފަޒުލް އާއި މެދު ފިޔަވަޅެއް ނޭޅޭނެ. އެތަނަށް ފުލުހުން ފޮނުވީ ގޮތް ހުސްވެގެން. މިއީ ޑޭ ވަން އިން ފެށިގެން ފަޒުން އެތަނުގައި ހިންގާ ގަމެއް. ޓޫލިޓްލް ޓޫ ލޭޓް އުސޫލުން މިކަން މިކުރަނީ. ކޮންމެވެސް ގޮތަކުން ތިމަންނަގެ ސާފުކަން ދައްކަން މިކަން ބަލާ ކަމަށް ދައްކަނީ. މި ސަރުކާރުން ވައްކަމެއް ނުކުރާނެ އޭ އެ ބުނަނީ މި ސަރުކާރުގަ އެކަމަކު ޖާގަ އޮތީ ވަގުންނަށް ހައްތަހާވެސް ފުރުސަތު.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެޗްޑީސީގެ މައްސަލަ ބަލާކަމަށް ބުނެ މަސައްކަތް ކުރަނީ ވަކި ބަޔަކު ގުރުބާން ކަންބަޅިއަކަށް ހަދަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ބިމުން ވައްކަން ކުރުމުން އެންމެ ރަނގަޅު ގޮތަކީ މުސްތަގިއްލު ކޮމިޝަނަކުން މަސައްކަތްކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މި މައްސަލަ އޭސީސީ އަށް ނުބެލޭނެ ކަމަށާއި އެ އިޚުލާސްތެރިކަން އޭސީސީގެ ކިބައިގައި ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ ކުރިން ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ވެސް ބައެއް މީހުން ނުފޫޒުން ބިމާއި ގޯތި ހޯދާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޕީއެންސީގައި މިހާރު އިސްކޮށް ތިބީ ހުސް ވަގުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޖުލައި މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ޒުހޫރު ފޮނުއްވި ސިޓީގައި އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ކަންކަން ހިނގާކަން ފާހަގަކުރައްވާފައިވެއެވެ. އެ ސިޓީގައި އެޗްޑީސީގައި އިންތިހާ އަށް ކޮރަޕްޝަން އޮތްކަން ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެޗްޑީސީގެ އެތެރެއިން ކަންކަން ވަނީ ފައިސާ ދޭ މީހާ އަށް ކަމަށް ޒުހޫރު ވަނީ ވިދާޅުވެފައެވެ.

ޒުހޫރު އެޗްޑީސީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެންނެވީ ވެސް ރައީސްގެ ހާއްސަ އެދިވަޑައިގަތުމަކަށްކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމަށް ވާއިރު ޒުހޫރު ވަނީ ފަޒުލްގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމަށް ސިފަކުރައްވާފައެވެ.

- ކޮމެންޓް