ކ. މާލެ
|
18 ޑިސެންބަރ 2024 | ބުދަ 18:53
އެޗްޑީސީއަށް ފުލުހުން ވަނުން
އެޗްޑީސީއަށް ފުލުހުން ވަނުން
ރާއްޖެއެމްވީ
ބިން ފޭރުން
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ފުލުހުންގެ ބުނީ، މި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް މިހާރު ކުރިއަށްދާ ކަމަށް

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދޫކޮށްގެން އުޅޭ މައްސަލައިގެ ތަހުގީގަށް ފުލުހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބުދަ ދުވަހު ހަވީރު ވަދެއްޖެ އެވެ.

ގޯތިތައް ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ކަމަށް ހަދައިގެން ކަމަށް ހާމަވެފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެޗްޑީސީ އިން ވަގަށް ދޫކުރި ގޮތިތަކަށް ދީފައިވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެކެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް މިހާރު ކުރިއަށްދާ ކަމަށެވެ.

ވަގަށް ގޯތި ދިން ފަރާތްތަކުގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ އާއިލާ މެމްބަރެއް ކަމަށްވާ މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. އޭނާ އަށް ބިންވެރިޔާ ސްކީމްގެ ދަށުން ނުލިބޭ ބިމެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަން ފަޅާއަރާފައިވާއިރު، ހައުސިން މިނިސްޓްރީ އިން އާއްމުކޮށްފައިވާ ލިސްޓުގައި ފަޒީލް ރަޝީދު ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތުހަމަނުވާކަން ހާމަވެއެވެ.

ފަޅާއަރުވާލި ލިޔެކިއުންތަކުން އިނގޭ ގޮތުގައި އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސޮއިކުރައްވައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 20768, 1250 އަކަފޫޓުގެ ގޯތި ލިބިފައިވާ ކަމަށް ބުނެ، ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދަ އަދި ހުށަހަޅާފައިވާ ކަމަށެވެ. އެ ދެމީހުންނަކީ މުހައްމަދު ފަޒީލް ރަޝީދު އަދި އަބްދުލް މަޖީދު މާހިރެވެ. އެހެންކަމުން މި ގޯތި ލިބިފައިވަނީ ކޮން ފަރާތަކަށްކަން އަންގައިދިނުމަށް ސިޓީ ގައި ވަނީ އެދިފައެވެ.

މިކަން މިހެން ހިނގުމުން ދެ މީހަކަށް އެއް ގޯއްޗެއް ދޫކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

އެހެން ނަމަވެސް މި ދެމީހުން ކުރެ އެކަކަށްވެސް ބިންވެރިޔާ ސްކީމުން ބިން ލިބިފައި ނުވާކަން ހައުސިންގ މިނިސްޓްރީ އިން އެޗްޑީސީ އަށް އޮތީ އަންގާފައެވެ.

- ކޮމެންޓް