ތެލުލިފަތާއި ކިއްލިއާއި ހަނާކުރި ފޯއް އާންމު މިންގަނޑުތަކާއި ޚިލާފަށް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ވިދާޅުވީ މިތަނަކީ އާންމު މިންގަނޑުތަކާއި ޚިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއް ކަމަށާއި އަދި މިތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެންހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައި ކަމަށެވެ.
ޤަވައިދާ ޚިލާފަށް މި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި މިއީ އިމިގްރޭޝަނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ޓާސްކުފޯހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފަވާއިރު "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 1000އަށް ވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް 1017 މައްސަލަ ހުށައަޅާފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ޤަވައިދާއި ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. އެގޮތުން އެފަދަ 239 މައްސަލަ ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ވޯކް ވިސާއާ ގުޅޭ 239 މައްސަލަ ހުށަހަޅާފަވާއިރު ހަށިވިއްކުމުގެ 65 މައްސަލައެއްވެސް މިހާތަނަށް އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވެއެވެ. ވަޒީފާއަށް ފިލުމުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލައެއްގެ އިތުރުން އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ، އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލައެއް ވަނީ ރިފޯޓުކޮށްފައެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައިގެ އިތުރުން ހިއުމަން ޓްރެފިކިންގެ 7 މައްސަލަ، ބްލެކްމާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަ ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުގައިވެއެވެ.
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރީ މިއަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުގައެވެ.
ޤަވައިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވައިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރުމަށް މަސައްކަތްދަނީ ކުރަމުންނެވެ.