ކ. މާލެ
|
13 ޑިސެންބަރ 2024 | ހުކުރު 14:45
ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމަށް ދެ ޑައިވަރުން މޫދަށް ފުންމާލަނީ
ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމަށް ދެ ޑައިވަރުން މޫދަށް ފުންމާލަނީ
ގެޓީ އިމޭޖަސް
ޑޮލަރު މާރުކުރަން މަޖުބޫރުކުރުން
ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ބޭރުގެ ބައެއް ފަރާތްތަކުން މިހާރު ގެންދަނީ މި ކަމާ ގުޅިގެން ގާނޫނީ ގޮތުން ދިވެހި ސަރުކާރާ ދެކޮޅަށް ޗެލެންޖް ކުރުމަށް ތައްޔާރުތައް ވަމުންނެވެ.

ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ 46 މެމްބަރުންގެ ވޯޓާ އެކު ބުރާސްފަތި ދުވަހު ފާސްކޮށްފައެވެ.

ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި މަޖިލިހަށް ހުށަހަޅާ ފާސް ކުރި މި ބިލު ގާނޫނަކަށް ވުމުން ބައެއް މަދު އިސްތިސްނާ ތަކާއެކު ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިން ސައްތަ ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.

ފުރަތަމަ ގަވައިދެއްގެ ގޮތުގައި ކުއްލި އަކަށް ތައާރުފް ކުރި ބޭރު ފައިސާ އާ ބެހޭ އުސޫލުތައް ހާމާ ކުރުމާ ހަމައިންވެސް ފަތުރުވެރިކަމުގެ އިންޑަސްޓްރީން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. ތަންފީޒު ނުކުރެވޭނެ ކަންކަން އޭގައި ހިމެނޭ ކަމަށް ދިޔައީ ބުނަމުންނެވެ.

ގަވައިދުގައި ހުރި ބައެއް ކަންކަން ފަހުން މަޖިލީހަށް ހުށަހެޅި ބިލުގައި ކޮންމެވެސް ލުއިތަކެއް ދީފައި ހުރި ނަމަވެސް ރިސޯޓް އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް ބިލު ފާސްވެގެން އައި އިރުވެސް އޭގައި ހިމެނިފައިނުވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

މަޖިލީހުގައި ބިލުގެ މަސައްކަތް ކުރުމަށް ހޭދަ ކުރި ކުޑަ ވަގުތުކޮޅުގެ ތެރޭގައި މާގިނަ ފަރާތްތަކަކާ މަޝްވަރާ ކުރުމެއް ހިމެނިފައެއް ނެތެވެ. އެހެން ނަމަވެސް ފަތުރުވެރިކަމުގެ އިންޑަސްޓްރީ ތަމްސީލު ކުރާ މަޓީ ގެ މަންދޫބުން ތަކަކާ މާލިއްޔަތު ކޮމިޓީން ބައްދަލު ކުރިއެވެ. ސިއްރު ކޮށްގެން ގެންދިޔަ މި ބައްދަލު ވުމުގައި އިންޑަސްޓްރީގެ ކަންބޮޑުވުންތައް ވަނީ ކޮމިޓީ އާ ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް ބިލަށް މާ ބޮޑު ބަދަލެއް ގެންނާކަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީއަށް އިރުޝާދު ލިބިފައި ނުވާކަމަށް ވެއެވެ.

ކޮމިޓީގެ މަސައްކަތް ދިޔަ ގޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ސިފަ ކުރެއްވީ، "ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން؛" ކަމަށެވެ.

ބިލު ފުރިހަމަ ކުރުމަށް އެ ދާއިރާގެ ސްޓޭކްހޯލްޑަރުން ދިން ލަފާ އަޑުއަހާފައި ނުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. ނާޒިލް ވިދާޅުވީ އެކަން އެގޮތަށް ނިންމާފައި ވަނީ ޓުއަރިޒަމް ސިނާއަތް ފުނޑުނަސް މައްސަލަ އެއް ނެތް ކަމަށް ކޮމިޓީގެ މެމްބަރުންނަށް ސަރުކާރުގެ އެންމެ މަތީ ފަރާތުން އޯޑަރ ލިބުމުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންޑަސްޓްރީގެ ފަރާތުން "ކޮމްޕްރޮމައިސް" އެއް ގޮތުން ކޮމިޓީއަށް ހުށަހެޅި އެއް ކަމަކީ، އެ މަހެއްގެ ތެރޭގައި ލިބޭ އަމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން އޮންނަ އޮތުން، ޓެކްސްތައް ކެނޑުމަށް ފަހު އޮންނަ އެއްޗެއްގެ 20 އިންސައްތަ އަށް ބަދަލު ކޮށްދިނުމަށެވެ. އެހެން ނަމަވެސް، އެކަންވެސް އެ ގޮތައް ހިމެނޭ ގޮތް ނުވީ، ސީދާ "މަތިން އައި އޯޑަރަކުން" އެހެން ނުހެދޭނެ ކަމަށް ވިދާޅުވުމުން ކަމަށް ވެއެވެ.

ބޭރުފައިސާ މާރު ކުރުމާ ބެހޭ ގަވައިދު އިއުލާނު ކުރި ހިސާބުންވެސް ރިސޯޓު އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގެންދިޔައީ ހިއްސާ ކުރަމުންނެވެ. އެހެން ނަމަވެސް ކަންބޮޑުވުން ފާޅުކޮށް ލިޔުނު ސިޓީތަކަށް މާބޮޑު ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ. ޖަވާބެއްވެސް ދީފައެއް ނުވެއެވެ.

ކަންބޮޑުވުން ތަކަށް މާބޮޑު ސަމާލު ކަމެއް ނުދީ ސަރުކާރުގެ އާރާ ބާރުގައި ބިލުގެ މަސައްކަތް ބާރު ސްޕީޑުގައި ގޮސް ނިންމާލުމުން އުފެދޭ ސުވާލަކީ ދެން ވާނީ ކިހިނެއްހެއްޔެވެ؟

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްގެ ނަޒަރުގައި، ރާއްޖޭގެ ރިސޯޓުތައް ތަރައްގީކޮށް ހިންގަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުންތައް އޮތް ގޮތައް އޮއްވާ އަލަށް ހަދާ ގާނޫނަކުން އެއްބަސްވުމުގެ މައިގަނޑު ކަންކަމަށް ބަދަލު އަންނަ ނަމަ އަލުން ޖެހޭނީ ދެ ފަރާތުން އަލުން އެއްބަސްވުން ހަދާށެވެ.

"ކަނޑައެޅިފައިވާ ޓާމްސްތަކަކަށް، މުއްދަތަކަށް، ރަށް މި ހަވާލު ކުރަނީ، އޭގެ މައްޗަށް ފީސިބިލިޓީ ހަދަނީ، ލޯނު ހޯދަނީ، ލޯނު އަނބުރާ ދައްކާ، ރިސޯޓު އޮޕަރޭޓް ކުރުމުގެ ޚަރަދުތައް ކޮށް ހަދަނީ، އެ ޓާމްސްތައް ކުއްލި ކުއްލި އަށް ބަދަލެއް ނުކުރެވޭނެ ދެ ފަރާތުން އެއްބަސް ނުވެ، އެއް ފަރާތުން އެކަން ބަދަލު ކޮށް އެއަށް އަމަލު ކުރަން ލާޒިމު ކުރުމަކީ ކޮންޓްރެކްޓް ގެ އަސާސީ އުސޫލުތަކާ ޚިލާފު ކަމެއް،" ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކޮށްފައިވާ ގާނޫނީ ވަކީލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ތަންފީޒް ކުރަން ފަށާ ހިސާބުން ކޮންޓްރެކްޓް މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއާއެކު ދިގު ދެމިގެންދާ މައްސަލަތަކެއްގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"ރާއްޖޭގެ ގިނަ ރިސޯޓުތަކާއި، ރިސޯޓު ދާއިރާ އާ ގުޅުން ހުރި ގިނަ އިންވެސްޓްމަންޓް ތަކަކީ ބޭރުގެ އިންވެސްޓްމަންޓްތައް، އެމީހުންވެސް ނުތިބޭނެ ދެއްތޯ އެމީހުންގެ އިންވެސްޓްމަންޓް ތަކުގެ ދިފާއުގައި މަސައްކަތް  ނުކޮށެއް،" އޭނާ ވިދާޅުވިއެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ބޭރުގެ ބައެއް ފަރާތްތަކުން މިހާރު ގެންދަނީ މި ކަމާ ގުޅިގެން ގާނޫނީ ގޮތުން ދިވެހި ސަރުކާރާ ދެކޮޅަށް ޗެލެންޖް ކުރުމަށް ތައްޔާރުތައް ވަމުންނެވެ.

"އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ އެހާ ފަސޭހަކޮށް ދާނެ ކަމެއްހެން މިކަމަކީ،" އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާހުރި ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ ބޮޑެތި ނިންމުންތައް އަވަސް އަރުވާލައިގެން ކުރުމަށްފަހު އެކަންކަމަށް އަމަލު ކުރަން މަޖުބޫރު ކުރުމަކީ، ކުރިމަގުގައި ވެސް އިންވެސްޓަރ ކޮންފިޑެންސް ގެއްލޭނެ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ އިންވެސްޓް ކުރަން ފަހި ނޫން މާހައުލަކަށް ވެގެންދާނެއެވެ.

ކޮންމެއަކަސް ސަރުކާރުން ސަރުކާރުގެ ގޮތުގައި ކަންކަން ކުރަމުން ދާއިރު، ކަންބޮޑުވެފައިވާ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އިން ވެސް އިންވެސްޓްމަންޓް ތަކުގެ ދިފާއުގައި ކުރެވެން ހުރި ގާނޫނީ މަސައްކަތްތައް ކުރާނެއެވެ. ރާއްޖޭގެ އިގްތިސާދުގެ ހިފަހައްޓަމުންދާ ފަތުރުވެރިކަމުގެ ސިނާއަތަކީ މައިގަނޑު ގޮތެއްގައި ބޮޑެތި ރިސްކު ނަގައިގެން ޕްރައިވެޓް ސެކްޓަރ އިން ތަރައްގީކޮށް މިހިސާބަށް ދެމެހެއްޓި އިންޑަސްޓްރީ އަކަށް ވާއިރު، މިކަމުގައި އެޅޭ ފިޔަވަޅެއްގެ ގޮތުން އިންޑަސްޓްރީ އަށް ގެއްލުމެއް ވެއްޖެ ނަމަ އެކަމުގެ ގެއްލުން މުޅިގައުމަށް ކުރާނީ ކިހާ ސީރަސް މިންވަރަކަށްތޯ އެއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

- ކޮމެންޓް