ބައިނަލް އަގްވާމީ މީޑިއާގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، އަތް ނުފޯރާ ވަރަށް ރާއްޖޭގެ އަގު ބޮޑުވި ވާހަކައެވެ. ޓެކްސްތައް ބޮޑު ކުރުމާއެކު އަގު ބޮޑު މަންޒިލެއް އަދި ވަކިން ބޮޑަށް އަގު ބޮޑުވި ވާހަކައެވެ.
ރާއްޖެއަށް އަންނަންވެސް ރާއްޖެއިން ފުރަންވެސް އެހާ އަގުބޮޑު ވާހަކައެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް ނެޓްވޯކު ކަމުގައިވާ ސީއެންއެން އިން ވަނީ ދާދި ފަހުން ރާއްޖޭގެ ޓެކްސްތައް ބޮޑު ކުރުމާއެކު ފަތުރުވެރިންނަށް އެކަމުން ކުރާނެ ނޭދެވޭ އަސަރުގެ މައްޗަށް ރިޕޯޓެއް އާންމު ކޮށްފައެވެ. އޭގެ ފަހުން ފަސްޓްޕޯސްޓް އެމެރިކާ އިން ވެސް ވަނީ "ރާއްޖެއަށް ކިޔަން ޖެހެނީ އަގުބޮޑު ވަދާއު އެއް" ކަމަށް ބުނާ ރިޕޯޓެއް އާންމު ކޮށްފައެވެ. ސީއެންއެން އާއި ފަސްޓްޕޯސްޓުގެ އިތުރުންވެސް ބައިނަލްއަގްވާމީ އެތައް މީޑިއާއެއްގެ ސުރުޚީތަކުގައި ހުރީ ފަތުރުވެރިކަމަށް އަމާޒު ކޮށް ރާއްޖޭގެ ޓެކްސްތައް ބޮޑު ކުރި ވާހަކަ އާއި އަގުބޮޑުވި ވާހަކައެވެ.
ފަސްޓްޕޯސްޓްގެ ރިޕޯޓުގައިވެސް ރާއްޖެއިން ފުރަން ބޭނުންވާ ދަތުރުވެރިޔާ އަށް ވެސް ބޮޑު ޓެކްސް އެއް ދައްކަން ޖެހޭ ކަމަށާއި، އެގޮތުން ބައެއް ފަރާތްތަކަށް ހަމަ އެކަނި ރާއްޖޭން ފުރުމަށް 480 ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
ޓިކެޓަށް އިތުރުކުރާ ޑިޕާޗާ ޓެކްސް ގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އޮތުން އިތުރަށް އެކަން ބޮޑުވެގެންދާ ކަމެއް ކަމަށް ރިޕޯޓުގައި ވެއެވެ.
ރާއްޖެ ޒިޔާރަތް ކުރުމަކީ ގިނަ ބައެއްގެ ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހަދަން އަންނަ މީހާ އަށް މިތަނުން ފުރެނީ ބޮޑު އަގެއް އަދާކުރުމަށްފަހު ކަމަށް ބުނެފައިވެއެވެ.
1 ޑިސެމްބަރު 2024 އިން ފެށިގެން ބޮޑު ކުރި އެގްޒިޓް ފީ ގެ ސަބަބުން ޓިކެޓްގެ އަގު ވަރަށް ބޮޑުތަނުން މައްޗަށް ދާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ގޮތުން އިކޮނޮމީ ކުލާހުން ދަތުރުކުރާ ފަސިންޖަރުން 50 ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، ފަސްޓް ކްލާސް ފަސިންޖަރުން 240 ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، ޕްރައިވެޓް ޖެޓް ގައި ދަތުރުކުރާ ކޮންމެ މީހަކު 480 ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
"މިއީ ހަމައެކަނި ރާއްޖޭން ފުރަން ކުރަން ޖެހޭ ޚަރަދު" ރިޕޯޓުގައި ވެއެވެ.
މިއީ ރާއްޖޭން ސުވާލު އުފެދޭ ގޮތަކަށް ކަމެއް ކޮށްގެން ސުރުހީތަކަށް އެރި ފުރަތަމަ ފަހަރު ނޫން ކަމަށާއި، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަކީ ވެސް އަޑިގުޑަން ބޮޑު ގުޅުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު އުޅުއްވީ، ރާއްޖޭގެ އެތެރޭގެ ކަންކަމާ އިންޑިއާ އިން ބެހޭ ކަމަށް ވިދާޅުވެ "އިންޑިއާ އައުޓް" ކެމްޕޭންގައި ކަމަށާއި އިންޑިއާ ރާއްޖޭގެ ގުޅުން ހީނަރުވުމުގެ ނަތީޖާއެއް ގޮތުން ރާއްޖެއަށް އިންޑިއާ އިން ލިބޭ އެހީ ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން ފާހަގަ ކޮށްފައިވެއެވެ.
2022 ވަނަ އަހަރު ރާއްޖެއަށް 240،000 ފަތުރުވެރިން އިންޑިއާ އިން ޒިޔާރަތް ކޮށްފައިވާ އިރު، ހީނަރުވި ގުޅުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ ޓޫރިސްޓުން ރާއްޖެ އައި މިންވަރު 42 އިންސައްތަ ދަށަށް ދިޔަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ސަބަބުން އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ އާމްދަނީން ގެއްލިގެން ދިޔަ ކަމަށް ބުނެފައިވެއެވެ.
މި ރިޕޯޓުގައި ރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސްފައި އޮތް މިންވަރު ހާމަ ކުރަމުން، އޮކްޓޯބަރު 10، 2024 ގައި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓަށް ހަވާލާދީ 2024 ވަނަ އަހަރުގެ އޮގަސްޓު މަސް ނިމުނު އިރު ރިޒާވް ގައި ހުރީ ދޮޅު މަސް ދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރާނެ މިންވަރުގެ ފައިސާ ކަމަށާއި، 2023 ގައި 590.5 މިލިއަން ޑޮލަރުގައި ހުރި ރިޒާވް 443.9 މިލިއަން ޑޮލަރަށް 2024 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމަ އަށް އައި އިރު ވެއްޓިފައިވާ ކަމަށް ރިޕޯޓު ބުނެފައިވެއެވެ.
މުއިއްޒު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަށް ބަލާލަމުން، ރިޕޯޓުގައި ބުނެފައިވަނީ ގޯސްވެފައިވާ ދެގައުމުގެ ގުޅުން ރަނގަޅު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށާއި، ފަތުރުވެރިކަމާއި، ވިޔަފާރި އާއި ތަރައްގީގެ ރޮނގުން ގުޅުން ބަދަހި ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
އިންޑިއާގެ ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެއަށް ކުރިން އަންނަމުން ދިޔަ ނަމަވެސް މިހާރު އެއީ ރާއްޖެ އަންނަ މީހުންގެ އެންމެ 6 އިން ސައްތަ ކަމަށް ބުނެފައިވެއެވެ.
އޮކްޓޯބަރު މަހު ކުރީ ކޮޅު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރުމަށް މުއިއްޒު އެދިވަޑައިގަތެވެ. އަދި ރާއްޖޭގައި އިންޑިއާ އިންވެސްޓަރުންނަށް ފުރުސަތު އޮތް ކަމަށާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އަށް ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވި ކަމަށް ފަސްޓްޕޯސްޓުގެ ރިޕޯޓުގައިވެއެވެ.
އެހެން ނަމަވެސް އިންޑިއާ ފަތުރުވެރިން، މާޒީގެ ހިތި ތަޖުރިބާތައް ގިރާކޮށް އެހެން މަންޒިލުތަކަށް ދަތުރު ފަށާފައިވާ އިރު، ރާއްޖެ އަންނަން ބޭނުންވާ އެހެން ފަތުރުވެރިން މިހާރު އުފައްދާ ސުވާލަކީ މިހާރު ބޮޑު ކޮށްފައިވާ އަގާ ބަލާއިރު ރާއްޖެ އަކީ ދާން އެކަށީގެންވާ މަންޒިލެއްތޯ އަހާ ސުވާލު ކަމަށެވެ.