އއ. މަތިވެރީގައި މުޅިރަށް ސާފުކުރުމުގެ ޕްރޮގްރާމެއް "މަގޭ ވެށި – ޗާލު މަތިވެރި" މި ޝިޢާރުގެ ދަށުން ހޮނިހިރު ދުވަހު ހިންގައިފިއެވެ.
މުޅި ރަށް ސާފުކުރުމުގެ ޕްރޮގްރާމްގައި 400 ވަރަކަށް މީހުން ހަރަކާތްތެރިވެފައިވާ ކަމަށާއި މި މީހުންގެ ތެރޭގައި ރަށުގެ ކުދި ބޮޑު އެންމެން ހިމެނޭކަމަށް އެ ރަށު ކައުންސިލް އިން ވަނީ ބުނެފައެވެ.
16 ޓަނުގެ ކުނި ރަށުގެ ކުނިކޮށްޓަށް އުކާލާފައިވާއިރު ކުނީގެ ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް، ދަގަނޑު އަދި ފަތްކުނީގެ ބާވަތްތައް ހިމެނޭކަމަށް މަތިވެރި ކައުންސިލުން ބުންޏެވެ.
އޮގަސްޓް މަހުގެ 19 ވަނަ ދުވަހަކީ ރަށް ސާފުކުރުމަށްޓަކައި ކަނޑައެޅިފައިވާ ދުވަހަކަށް ވާތީ ރަށުގައި ދިރިއުޅޭ ބިދޭސީ މީހުން ވެސް ރަށް ސާފުކުރުމުގައި ބައިވެރިވެފައިވާކަން އުފަލާއި އެކު ފާހަގަކުރާކަން އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
މަތިވެރި ޕްލިސް ސްޓޭޝަންގެ އިންޗާޖް ހަސަން ޝަރީފު ވިދާޅުވީ މަތިވެރި ޕޮލިސް ސްޓޭޝަންގެ ހުރިހާ މުވައްޒަފުންނާއި ރަށުގެ ހުރިހާ ރައްޔިތުން ރަށް ސާފުކުރުމުގައި ބައިވެރިވެފައިވާތީ އެކަން އުފަލާއި އެކީ ފާހަގަ ކުރާކަމަށާއި އަބަދުވެސް އުންމީދަކީ މަތިވެރި ސާފު ރަށެއްގެ ގޮތުގައި އޮތުން ކަމަށެވެ.
މުޅި ރަށް ސާފުކުރުމުގެ ޕްރާގްރާމްއަކީ އެ ރަށު ކައުންސިލުން އިސް ނަގައިގެން ހިންގާ 2 ވަނަ ޕްރޮގްރާމް އެވެ.