މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ކ. މާފުއްޓާ ދެކޮޅަށް ކުޅުނު މެޗުން ހއ.ދިއްދޫ މޮޅުވެއްޖެ އެވެ.
ގުރޫޕު އެފް ގައި ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި މާފުއްޓާ ދެކޮޅަށް ކުޅުނު މެޗު ދިއްދޫ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. އެ މެޗާ ކުރިމަތިލީއިރު މާފުށިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބ.އޭދަފުށީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މާފުއްޓާ ދެކޮޅަށް ކުޅުނު މެޗަކީ ދެ ވަނަ ބުރުގައި ދިއްދޫ އިން ކުޅުނު ފުރަތަމަ މެޗެެވެ.
މެޗުގައި ދިއްދޫ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ދިއްދޫ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުޒަމް ރަޝީދު އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ދިއްދޫގެ އާދަމް އާޒިމް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.
މޮޅާއެކު ދިއްދޫ މިވަގުތު އޮތީ މި ގުރޫޕުގެ އެއް ވަނައިގަ އެވެ. މާފުށިން ދެ މެޗު ކުޅެފައިވާއިރު، އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. މި ގުރޫޕުން ދެ ކުއާޓާ ފައިނަލްގެ ޖާގަ ލިބޭ ޓީމުތަައް ކަށަވަރު ވާނީ ގުރޫޕުގެ ފަހު މެޗުގައި ދިއްދޫ އާއި އޭދަފުށި ބައްދަލު ކުރާ މެޗުންނެވެ.