ކ. މާލެ
|
25 ޑިސެންބަރ 2024 | ބުދަ 08:58
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ބ.އޭދަފުށި
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ބ.އޭދަފުށި
ރައީސް އޮފީސް
ގޯލްޑް ކަޕް
ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް
ފައިނަލް މެޗުގައި އޭދަފުށިން އައްޑޫގެ މައްޗަށް ކުރި ހޯދީ، 2-0 ގެ ނަތީޖާ އަކުންނެވެ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބ.އޭދަފުށިން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި އޭދަފުށި ނިކުތީ އައްޑޫ ސިޓީއާ ދެކޮޅަށެވެ.

މި މެޗާ ކުރިމަތިލީއިރު، އައްޑޫ ސިޓީން ފައިނަލާ ހަމައަށް އައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މުބާރާތުގެ ދެ ވަނަ ބުރުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އޭދަފުށި ވަނީ ބަލިވެފަ އެވެ. ފައިނަލް މެޗުގައި އޭދަފުށިން އައްޑޫގެ މައްޗަށް ކުރި ހޯދީ، 2-0 ގެ ނަތީޖާ އަކުންނެވެ. ގަލޮޅު ރަސްމީ ދަނޑުގައި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. އެ ލަނޑު އޭނާ ޖެހީ އެ ޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ކޯނަރެއްގައި ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެނެވެ. މެޗުގައި އޭދަފުށީގެ ދެ ވަނަ ލަނޑު ޖެހީ އަލީ ފާޞިރު (ސެންޓޭ) އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ އެ ލަނޑު ޖެހީ، އައްޑޫގެ އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ގޯލަށް ފޮނުވާލައިގެންނެވެ.

މިއީ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބު ކުރި ފަހުން، އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތެއް އޭދަފުށިން ކާމިޔާބު ކުރި ފުރަތަމަ ފަަހަރެވެ. ވަޅުޖެހިފައިވާ ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މިއަހަރު ވަނީ 17 ރަށަކުން ވާދަކޮށްފަ އެވެ.

- ކޮމެންޓް