"އެއްވެސް އިންޒާރެއް ދިނުމެއް ނެތި ނުވަތަ ތަން ހުސްކުރުމަށް އެންގުމެއް ނެތި" ޣައްޒާގެ ހޮސްޕިޓަލަކަށް އިސްރާއީލުން ދިން އަނިޔާވެރި މަރުގެ ހަމަލާ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކުށްވެރިކޮށްފި އެވެ.
"ހޮސްޕިޓަލަށް ... ބޮންއެޅުމުގެ ކުރިން އެއްވެސް ރަސްމީ އިންޒާރެއް ނުވަތަ އިވެކުއޭޓްކުރުމުގެ އަމުރެއް ނުނެރޭ؛" ކަމަށް ހުކުރު ދުވަހު ފަލަސްތީނުގައި ހުންނަވާ ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާގެ ރެޕްރެޒެންޓެޓިވް ރިޗަޑް ޕީޕަރކޯން ވިދާޅުވިއެވެ.
ކަމާލް އަދްވާން ހޮސްޕިޓަލަކީ ޣައްޒާ ގެ އުތުރު ސަރަޙައްދުގައި މަސައްކަތްކުރަމުންދާ މަދު ސިއްޙީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެކެވެ. ހުކުރު ދުވަހު އިސްރާއީލުން އެތައް ހަމަލާއެއް އެ ހޮސްޕިޓަލަށް ދިން ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު ހާމަ ކުރެއްވިއެވެ.
ޑަބްލިޔުއެޗްއޯ ގެ ބަޔާނުގައިވާ ގޮތުން، "ގިނަ އަދަދެއްގެ" މީހުން މަރުވެ އަދި ޒަޚަމްވެފައި ވާއިރު އޭގެ ތެރޭގައި ހޮސްޕިޓަލުގެ 4 މުވައްޒަފުން ހިމެނެއެވެ.
ހޮސްޕިޓަލު ވަށާލައި، ބަރު ހަތިޔާރު ތަކުން ހަމަލާދެމުން، ހޮސްޕިޓަލުގެ ތެރެއަށް ހަތިޔާރާ އެކު އިސްރާއީލުގެ ސިފައިން ވަދެ، ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން ހުސްކުރުމަށް ފަހުން ވަނީ މަޖުބޫރު ކޮށްފައެވެ.
އިސްރާއީލުގެ ސިފައިންވަނީ ހޮސްޕިޓަލަށް ވަދެ، މީހުން ހައްޔަރު ކުރުމުގެ ކެމްޕޭނެއް ހިންގާފައެވެ.
ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު އަނެއްކާވެސް ވިދާޅުވެފައިވަނީ ހޮސްޕިޓަލުގެ ޙާލަތު ވަނީ ވަރަށް ދެރަވަރުވެ ނާޒުކު ހާލަތެއްގައި ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 44,612 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ. އަދި 105,834 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.