ބުދަ ދުވަހުގެ ހަވީރު، ނަސްލު ނައްތާލުމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާ ސްޓްރިޕްގެ ދެކުނުގައިވާ ޚާން ޔޫނިސް ގެ އަލް-މަވާސީ ސަރަޙައްދަށް އިސްރާއީލުން ބޮން އަޅާ މަދުވެގެން 17 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފިއެވެ. މި ހަމަލާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އެ ސަރަހައްދުގެ މަޞްދަރުތަކާ ހަވާލާދީ ވަފާ ނިއުސް އިން ބުނެފައިވާ ގޮތުގައި، އިސްރާއީލުން ކަނޑައަޅާފައިވާ "ހިއުމެނިޓޭރިއަން ސަރަޙައްދު" ކަމަށް ބުނާ އަލް-މަވާސީގައި ހުރި ވީރާނާވެފައިވާ ފަލަސްތީނުންގެ ވަގުތީ ކޭމްޕްތަކަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ބޮން އެޅުމުން އެތައް ބަޔަކު ޝަހީދު ވުމުގެ އިތުރުން އިތުރު ބޮޑެތި ގެއްލުންތަކެއް ވަނީ ކޭމްޕަށް ލިބިފައެވެ.
މީގެ އިތުރުން ޖަބާލިޔާގައި ހުރި ނޫސްވެރިއެއްގެ ގެއަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާ އަށް އަނިޔާވި ކަމަށާއި، އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ބޮޑުބަޑިން ހަމަލާދީ އެތައް ބަޔަކު ޒަޚަމްވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިސްރާއީލަށް، ރަފަހް ގައި ހިންގަމުންދާ ހަނގުރާމަވެރި ޙަމަލާތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ. އެހެން ނަމަވެސް އެ އަމުރަށް އެއްވެސް އަހަމިއްޔަތުކަމެއް ނުދީ، ނަސްލު ނައްތާލުމުގެ ޙަމަލާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އިޒްރޭލުމް ނަސްލު ނައްތާލުމަށް ޣައްޒާ ގައި ހިންގަމުންދާ ޖަރީމާތަކަކީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އިސްރާއީލުގެ މައްޗަށް އޮތް ޒިންމާތަކާ ވެސް މުޅިން ޚިލާފް ކަންތައްތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 44,532 ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. އަދި އޭގެ އިތުރުން، 105,538 މީހުން ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން، މަދުވެގެން 10,000 މީހުން ވަނީ ނޭނގި ގެއްލިފައެވެ. ލަފާ ކުރެވޭ ގޮތުގައި މީގެ ތެރެއިން ގިނަ މީހުން ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ.
ފަލަސްތީނުގެ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މަރުވި އަދި އަނިޔާވެފައިވާ މީހުންގެ ގިނަ އަދަދަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާ ސްޓްރިޕްގެ ހުރިހާ ސަރަޙައްދަކުން ގާތްގަނޑަކަށް ދެ މިލިއަން މީހުން މަޖުބޫރުން އެމީހުން ދިރިއުޅޭ ތަނުން ވަނީ ނުކުމެގެން ގޮސްފައެވެ. މީގެ ތެރެއިން ގިނަ މީހުން ޖަމާވީ މިސްރުގެ ބޯޑަރާ ކައިރީގައިވާ ޣައްޒާގެ ދެކުނު ސިޓީ ރަފަހް އަށެވެ. އެއީ އޭގެ ކުރިންވެސް ބައިބޯ ސަރަހައްދެކެވެ.