ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް މަތިކުރެވިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ، މާލެ ސިޓީގެ ޖޮއިންޓް އެޖެންސީ ޓީމުގެ ފުރަތަމަ ބައްދަލުވުން ބާއްވައި، ކޮންމެ އިދާރާއަކުން ވެސް ޚާއްސަ ފޯކަލް ޕޮއިންޓެއް ކަނޑައަޅައިފިއެވެ.
ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ޚިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށްދިނުމަށް ރައްޔިތުންނާއި، ކައުންސިލުތަކާއި، މަދަނީ ޖަމުއިއްޔާތަކާ އަދި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި، މާލެތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލުކުރުމާއި އިތުރަށް ހައްލުކުރަންޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން ފުލުހުން ބުނީ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފަސޭހަކުރުުމުގެ ގޮތުން ކޮންމެ އިދާރާއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ބައްދަލުވުމުގައި މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މާލެ ޕޮލިސްގެ އެކި ބަހާތަކުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމަކީ ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.