2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނަންޖެހޭ ހުރިހާ ތަފްސީލެއް ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ހުށަހަޅާފައިވާ ބަޖެޓުގައި އެއްވެސް ތަފްސީލެއް ނެތްކަން ހާމަކުރައްވާފައެވެ. އަދި މަރަދޫ ދާއިރާގެ ރައްޔިތުންނަށް ބަޖެޓުން ހޭދަވާ މިންވަރު އެނގެން ނެތީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ބަޖެޓު ހުށަހެޅީ ގާނޫނު އަސާސީއާއި، މާލިއްޔަތު ގާނޫނާ އަދިވެސް ހެދިފައި ހުރި ގާނޫނުތަކާ އެއްގޮތަށް ކަމަށާއި، އެ ބަޖެޓު މަޖިލިިސް މެންބަރުން ފާސްކޮށްދެއްވީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓުގައި ހިމަނަންޖެހޭ ހުރިހާ ތަފްސީލެއް ހިމަނާފައިވާ ކަމަށެވެ.
ރާއްޖޭގެ ރަށްތަކުގައި ހިންގާ މަޝްރޫއުތަކާއި ގުޅޭގޮތުން ބަޖެޓު ކޮމެޓީއަށް މައުލޫމާތުދީފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނޯންނާނެ ކަމަށާއި، ރަށްތަކުގައި ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމަށެވެ.
އަޅުގަނޑު ދަންނަވާނީ ގާނޫނު އަސާސީއާއި، މާލިއްޔަތު ގާނޫނާ އަދިވެސް ހެދިފައި ހުރި ގާނޫނުތަކާ އެއްގޮތަށް އަޅުގަނޑުމެން މިދިޔަ ބަޖެޓު ހުށަހެޅި އަދި ވަރަށް ބޮޑަށް ޝުކުރުވެރިވަން ތިޔަ އިއްޒަތްތެރި މެންބަރު ވަރަށް ބުރަ މަސައްކަތެއް ކުރައްވައިގެން ބޭނުންވާ މައުލޫމާތު ސާފުކުރައްވައިގެން މިބަޖެޓު ފާސްކޮށްދެއްވީތީ. އިރާދަކުރެއްވިއްޔާ ބަޖެޓުގައި އޮތް ގޮތަށް މީގައި ހުރި އަންވެލޮޕްގައި އެބަހުރި ރާއްޖޭގެ ހުރިހާ ދާއިރާގެ އަޅުގަނޑު ހަނދާންވަނީ ބަޖެޓު ކޮމެޓީއަށް މައުލޫމާތު ދެމުން ވެސް ދެންނެވިހެން އެއްވެސް ރަށެއްގައި ޕްރޮޖެކްޓެއް ނުހިނގާ ގޮތަކަށް ނޫނޭ އޮތީއެއް. އެ ޕްރޮޖެކްޓްތައް ހަމަ ހިނގަމުންދާނޭ. ދެން ތިޔަ ވިދާޅުވީ މައުލޫމާތުގެ ވާހަކަ. އަޅުގަނޑަށް ހީވަނީ ބަޖެޓުގައި ކުރިން މިދެންނެވިހެން ގާނޫނާ ގަވާއިދަށް އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ބަޖެޓުގައި ހިމަނަންޖެހޭ ހުރިހާ ތަފްސީލުތަކެއް ހިމަނާގެން އަޅުގަނޑުމެން ހުށަހަޅާފައިވާނީ.ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މިނިސްޓަރު ޒަމީރު ވިދާޅުވީ މަރަދޫގައި ވެސް ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަަމަށާއި، ބަޖެޓުން ހަރަދު ކުރާނެ ކަމަށެވެ. އަދި ބަޖެޓުން ހަރަދު ކުރާނީ ހަމައެކަނި ޕީއައިއެސްޕީ ޕްރޮޖެކްޓްތަކަށް އެކަނި ނޫން ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.