ވަފާ ނިއުސް އޭޖެންސީން ބުނިގޮތުގައި ޔަހޫދީ ބާރުތަކުގެ ޑްރޯންތަކުން ޣައްޒާގެ އަލް-ޖަލާއާ މަގުގައި ތިބި ބަޔަކަށް ބޮންއެޅުމުގެ ސަބަބުން ދެމީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ސިއްހީ ވަސީލަތްތަކުން ބުނިގޮތުގައި ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ޖަބާލިޔާ އަލް-ނަޒްލާ ގައި ހުރި ހަލީމާ އަލް-ސައީދިއްޔާ ސްކޫލުގައި ހިމާޔަތް ހޯދަން ތިބި މީހުންނަށް އިސްރާއީލުގެ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އަންހެން ކުއްޖަކު މަރުވިއެވެ.
އޭގެ ކުރިން، ޣައްޒާ ސިޓީގެ އުމަރު މުޚްތާރު މަގުގައި ހުރި ފިހާރައަކަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި ދެ އާންމުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވިއެވެ.
ޣައްޒާ ސިޓީގެ ދެކުނުގައިވާ އަލް-ސަބްރާ ސަރަހައްދުގައި ތިބި ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި އިތުރު ދެ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
މިއާއެކު، އދ.ގެ ޓީމުތަކުން އަލް-ރަޝީދު މަގުގައިވާ ވާދީ ޣައްޒާ ފާލަމުގެ ކައިރިން މަރުވެފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑު ނަގައި މެޑިކަލް ޓީމުތަކާ ވަނީ ހަވާލު ކޮށްފައެވެ.
އަދި އަންގާރަ ދުވަހު، ޣައްޒާ ސިޓީގެ ހުޅަނގުގައިވާ އަލް-ސިނާއާ ޖަންކްޝަން ސަރަހައްދަށް އިސްރާއީލުގެ ޑްރޯންތަކާއި ބޮޑުބަޑިތަކުން ދިން ހަމަލާތަކުގައި އެތައް ރައްޔިތުނެއް ވަނީ ޒަޚަމްވެފައެވެ.
އިޒްރޭލުގެ ބާރުތަކުން ބޮޑުބަޑިން ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ޖަބާލިޔާގެ ހުޅަނގުގައިވާ ސަފްތާވީ ސަރަހައްދަށް ހަމަލާދިނެވެ. މިއާއެކު އޮކިއުޕޭޝަން ބާރުތަކުގެ ޓޭންކުތަކުން އެ ސަރަހައްދަށް ބޮޑެތި ހަމަލާތައް ދިނެވެ.
އޮކިއުޕޭޝަން ބާރުތަކުން ވަނީ ބައިތު ލަހިޔާ ރަށަށް ވެސް ބޮޑުބަޑިން ހަމަލާދީފައެވެ. އަދި އިޒްރޭލު ސިފައިން އެ ރަށުގައި ހުރި އެތައް ގެއެއް ގޮއްވާލިއެވެ.
ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި، ނުސައިރާތު ކޭމްޕް ސަރަހައްދުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަންހެން ކުއްޖަކު މަރުވެ، އެހެން މީހަކަށް އަނިޔާވިއެވެ. ޣައްޒާ ސްޓްރިޕްގެ މެދުތެރޭގެ ބުރައިޖު ކޭމްޕުގެ ސަރަހައްދުގައި ހުރި ގެއަކަށް އިސްރާއީލުގެ ބާރުތަކުގެ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި އިތުރު ފަސް މީހުންނަށް އަނިޔާވިއެވެ.
މެޑިކަލް ވަސީލަތްތަކުން ބުނިގޮތުގައި އަންގާރަ ދުވަހު ހެނދުނުން ފެށިގެން ޣައްޒާ ސްޓްރިޕްގައި ކުރިއަށްދާ ހަމަލާތަކުގައި މަދުވެގެން 30 ފަލަސްތީނު މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ ތެރެއިން 17 މީހުން މަރުވެފައިވަނީ މެދު އަދި ދެކުނު ޣައްޒާ ސްޓްރިޕްގައެވެ.
2023 އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ބާރުތަކުން އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ޣައްޒާ ސްޓްރިޕްއަށް ދެމުންދާ ހަމަލާތަކުގައި 44,466 އާންމު ރައްޔިތުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި 105,358 މީހުންނަށް އަނިޔާވެފައިވެއެވެ.
މި އަދަދަކީ ފުރިހަމަ އަދަދެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެތައް ހާސް މީހުންގެ ހަށިތައް އިމާރާތްތަކުގެ ދަށުވެފައި ހުރުމާއި، މަރުވެފައިވާ މީހުންގެ ހަށިތައް މަގުތަކުގެ މަތީގައި ހުރުމާއި، އިސްރާއީލުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާތީ އާއި ބޮޑެތި ގޮއްވުންތަކުގެ ސަބަބުން އެމްބިއުލާންސްތަކާއި ސަލާމަތްކުރާ ޓީމުތަކަށް އެ ސަރަހައްދުތަކަށް ވަދެވެން ނެތުމުގެ ސަބަބުން މަރުވެފައިވާ އެތައް ބަޔަކު އަދި ރެކޯޑް ކުރެވިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.