ބަނޑުހައި ހޫނުކަން އާންމު ވަމުންދާ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުން މެދުކަނޑާލައިފިއެވެ.
ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ އިން ބުނެފައިވަނީ އިސްރާއީލާއި ޣައްޒާއާ ދެމެދުގައިވާ ކަރަމް އަބޫ ސާލިމް (ކެރެމް ޝެލޯމް) މަގުން އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައިވާ ކަމަށެވެ.
މިއީ އިޒްރޭލު ހުރަސްކޮށް ޣައްޒާ އަށް އެހީ ފޯރުކޯށްދޭ މައި މަގެވެ.
އެހީގެ މަސައްކަތް ހުއްޓާލީ ސަލާމަތީ ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން ކަމަށް އަންރުވާ ގެ އިސްވެރިޔާ ވިދާޅުވެފައިވެއެވެ. އެހީ ފޯރުކޮށް ދިނުން ހުއްޓާލާ ކަމަށް ބުނެފައިވާ މި ދަނޑިވަޅަކީ ޣައްޒާގައި ބަނޑުހައިހޫނު ކަން ފެތުރެމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.
"އިޒްރޭލު ހުރަސްކޮށް ޣައްޒާ އަށް އެހީ ފޯރުކޮށްދޭ މައި މަގު ކަމަށްވާ ކެރެމް ޝެލޯމް މަގުން އެހީ ފޯރުކޮށްދިނުން ހުއްޓާލައިފިން" އަންރުވާގެ ވެރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަގުން ތަކެތި ފޯރުކޮށްދިނުމަކީ ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި އޮންނަތާ އެތައް މަސްތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން ނޮވެމްބަރު 16 ވަނަ ދުވަހު ހަތިޔާރު އެޅި ގޭންގަކުން އެހީގެ ބޮޑު ގާފިލާއެއް ވަގަށް ނަގާފައިވާކަމަށް އަންރުވާގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ އެކްސް (ޓްވިޓަރ) ގައި ވިދާޅުވިއެވެ.
ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ މަގުން މަދު އަދަދެއްގެ ކާބޯތަކެތީގެ ޓްރަކް ވެއްދުމަށް މަސައްކަތްކުރި ނަމަވެސް "ހުރިހާ އެއްޗެއް ވަގަށްނެގި،" ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ހަލުކަމާއެކު ބަނޑުހައި ހޫނުކަން ޣައްޒާގައި ފެތުރެމުންދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ލަޒަރީނީ ވިދާޅުވި ގޮތުގައި އިޒްރޭލުގެ "ދެމިގެންދާ ހިޞާރު ގެ ސަބަބުންނާއި، އިޒްރޭލުގެ ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކާއި، ޣައްޒާ އަށް ފޯރުކޯށްދޭ އެހީގެ މިންވަރު މަދުކުރުމަށް ނިންމާފައިވާ ސިޔާސީ ނިންމުންތަކާއި، އެހީ ފޯރުކޮށްދޭ މަގުތަކުގެ ރައްކާތެރިކަން ނެތުމާއި އަދި ޣައްޒާގެ ފުލުހުންނަށް އަމާޒުކުރެވޭ ހަމަލާތައް" ގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ނުކުރެވޭ ވަރުގެ ކަމަކަށް ވެފައި ކަމަށެވެ.
އޭނާ އިޒްރޭލަށް ގޮވާލެއްވީ، ޣައްޒާއަށް އެހީ ލިބޭކަން ކަށަވަރުކުރުމަށެވެ. އަދި އެ ޤައުމުން "އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހަމަލާދިނުމުން ދުރުހެލިވާން ޖެހޭނެ" ކަމަށެވެ.