މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ބ.ކެންދޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ރ.އަލިފުށިން މޮޅަކުން މުބާރާތް ފަށައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އަލިފުށިން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ކުރީ ކޮޅުގައި އަލިފުށިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގައި އަލިފުއްޓަށް ލީޑު ނަގައިދިނީ ޙުސެއިން ނިހާން (ނިހާޓް) އެވެ. މެޗުގައި އަލިފުށީގެ ދެ ވަނަ ލަނޑު ޖެހީ އާދަމް އިމްރާން އެވެ. އަދި މެޗުގައި އަލިފުށީގެ ތިން ވަނަ ލަނޑު ޖެހީ އަޙުމަދު ޙުޝާމް އެވެ. އެ ލަނޑުގެ ކުރިން މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މެޗުގައި އަލިފުށިން އެ ޓީމުގެ ބާކީ ލަނޑުތައް ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. މެޗުގައި އަލިފުށީގެ ހަތަރު ވަނަ ލަނޑު ޖެހީ ނިހާން އެވެ. އަދި އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ އިމްރާން އެވެ. މެޗުގައި ކެންދޫގެ ހަމައެކަނި ލަނޑު ޖެހީ ރަޝާދު ޢަބްދުލް މަތީން އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ވަކި ހިސާބަކުން ވަނީ ދަނޑުގެ ލައިޓްތައް ނިވިފަ އެވެ. އެއާއެކު ވަގުތު ކޮޅަކަށް މެޗު މެދު ކަނޑާލަން ވެސް ޖެހުނެވެ. ދެ ފަހަރެއްގެ މަތިން ދަނޑުގައި ހުރި ލައިޓްތަކަށް އެ މެޗުގައި މައްސަލަ ދިމާވިއިރު، ގަލޮޅު ދަނޑުގައި ހުރި ލައިޓް ސިސްޓަމް މަރާމާތު ކޮށްފައި ވަނީ ވެސް ދާދި ފަހުންނެވެ. އެއީ ކުރިން ވެސް އެކި ފަހަރުގެ މަތިން ދަނޑުގެ ލައިޓްތަކަށް މައްސަލަ ދިމާވުމުގެ ސަބަބުންނެވެ.
ކެންދޫ އަތުން ހޯދި މޮޅާއެކު އަލިފުށި އޮތީ ގުރޫޕު ޑީގެ އެއް ވަނައިގަ އެވެ. ތިން ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ނައިފަރަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެން އެއް ވަނައިގައި އޮތީ އަލިފުއްޓެވެ.