އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެމްބަރު ތޯހާ މުހައްމަދު މަޤާމުން ވަކި ކުރުމަށް ނިންމާފައި ވަނިކޮށް އެ ދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެ ދެބޭފުޅުން ވަކިކުރަން ނިންމީ އާދިއްތަ ދުވަހުއެވެ. އެ ދެބޭފުޅުން މަޤާމުން ވަކިކޮށްފައި ވަނީ ނުފޫޒަށް ތަބާވުމާއި ސުލޫކީ މައްސަލަތަކަކާ ގުޅިގެން ކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ބުނެފައެވެެ. ހޯމަ ދުވަހު އެ މައްސަލައިގެ ވޯޓަށް އަހަން އޮތީ ތާވަލްކޮށްފައެވެ. އެެހެންނަމަވެސް އެ މައްސަލައިގައި މަޖިލީހުން ވޯޓަށް އެހުމުގެ ކުރިން އެ ދެ ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އެ ވޯޓު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ތޯހާ ރައީސް އޮފީހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ އޭނާގެ ޒިންމާތައް އަދާކުރައްވާފައިވާނީ މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ކަމަށާއި މަަސައްކަތްކުރައްވާފައި ވާނީ ގާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އެކު މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެއް ބެލުމަކީ ގާނޫނީގޮތުން ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އޭސީސީގެ މެމްބަރުކަމުގެ ޒިންމާތައް މިނިވަންކަމާއި އެކު އަދާ ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަލާމް ވެސް ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުއްވިކަން ހާމަކުރައްވާފައެވެ.
އޭސީސީގެ މެންބަރުން ވަކިކުރަން ފޮނުވި ސިޓީ މަޖިލީހަށް އިއްވާދެއްވަމުން، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށް ބުނާ ކަމަށެވެ. ހަމައެެހެންމެ އެ މާއްދާގެ (ށ) ގައި އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތެއް އިސްނުކުރުމަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ދެ މާއްދާއާ ހިލާފަށް މެމްބަރަކު އަމަލު ކުރުމަކީ މެމްބަރު ކަމުން ވަކިކުރެވޭނެ ހާލަތެއްކަން ނިއުޝާ ފާހަގަކުރެއްވިއެވެ. އަދި ސަލާމާއި ތޯހާ އެ މާއްދާތަކާ ޚިލާފުވެފައިވާ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދެ މައްސަލައެއް ލިބިފައިވާކަމަށް ނިއުޝާ ވަނީ އެ ސީޓީ އިއްވަވާދެއްވަމުން ވިދާޅުވެފައެވެ.
މި ބޭފުޅުން ވަކި ކުރި އިރު އެކަށީގެންވާ ގޮތަށް ޖަވާބުދާރީވާން ފުރުސަތު ދީފައި ނުވާކަމަށް މެމްބަރުންނާއި އާއްމުން ދަނީ ބުނަމުންނެވެ.