ބޮޓްސްވާނާ އިންަޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ހޯދައިފި އެވެ.
މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލްގައި، އާމިނަތު ނަބީހާ (ނަބީ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނަބާ ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކުރީ ނަބާ އެވެ. ދެބެއިންގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު ފުރަތަމަ ސެޓު ނަބާ ކާމިޔާބު ކޮށްފައި ވަނީ 22-20 އިންނެވެ. ދެ ވަނަ ސެޓަށް ނިކުމެ ނަބީ ވަނީ އެ ސެޓު 14-21 އިން ކާމިޔާބު ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ސެޓުގައި ނަބީގެ މައްޗަށް ނަބާ ކުރި ހޯދީ 21-15 އިންނެވެ.
މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގެ ފައިނަލްގައި މި ދެ ކުޅުންތެރިން، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނަބާ ވަނީ މި މަހު ޒެމްބިއާގައި ކުރިއަށް ދިޔަ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ކުރިއަށް ދިޔަ ސިޑްނީ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުން ވެސް ލޯ މެޑަލް ހޯދި އެވެ. ނަބާއާ ވާދަކޮށް ނަބީ ފައިނަލްގައި ބަލިވި ނަމަވެސް، މީގެ ކުރިން ނަބީ ވަނީ އަންހެން ސިންގަލްސް އިވެންޓުގެ ރަން މެޑަލް ހޯދައިފަ އެވެ. އެއީ 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށެވެ.