އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޕްރެޝަރަށް ވެއްޓިއްޖެ އެވެ.
ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ޓޮޓެންހަމާ ދެކޮޅަށް ނިކުތްއިރު ސިޓީ އޮތީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. ބައިނަލްއަޤުވާމީ ބްރޭކަށްފަހު އެނބުރި އައިސް ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ސިޓީ ކޮޅަށް ލަނޑު ޖަހައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ޖޭމްސް މެޑިސަން އެވެ. އޭނާ އެ ލަނޑު ޖެހީ ޑޭޖާން ކުލުސެވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތް މިނެޓު ފަހުން މެޑިސަން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޓޮޓެންހަމްގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ސޮން ހެއުން މިން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޑްރޯ ޕޯރޯ އެވެ. މެޗުގައި ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު ބްރެނަން ޖޯންސަން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މިއީ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް ޖެހި ޖެހިގެން ފަސް ބައްޔާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި ގިނަ އަހަރުތަކަކަށްފަހު، ސިޓީ އަށް ޖެހި ޖެހިގެން ފަސް މެޗުން ބައްޔާ ކުރިމަތިލާން ޖެހުނު ވެސް ފުރަތަމަ ފަހަރެވެ.
ބައްޔާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 23 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އޮތް ލިވަޕޫލަށް ލިބެނީ 28 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް، އެ ލީޑު ފުޅާ ކުރުމުގެ ފުރުސަތު ލިވަޕޫލަށް އޮންނާނެ އެވެ.