ކ. މާލެ
|
24 ނޮވެންބަރ 2024 | އާދީއްތަ 09:48
މެޗުގައި ލަނޑު ޖެހުމަށްފަހު ގުރައިދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ގުރައިދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ފަޔާޒު މޫސާ / މިހާރު
ގޯލްޑް ކަޕް
ގޯލްޑް ކަޕް: ގުރައިދޫ އިން ހުރާ ބަލިކުރިއިރު، މާފުށީގެ މައްޗަށް ނައިފަރުން ކުރި ހޯދައިފި
ގުރޫޕު ސީގެ އެއް ވަނައިގައި ގުރައިދޫ އޮތްއިރު، ދެ ވަނައިގައި އޮތީ އައްޑޫ އެވެ. ތިން ވަނައިގައި ކުރެންދޫ އޮތްއިރު، ހުރާ އޮތީ ފުލުގަ އެވެ. ގުރޫޕު ޑީގެ އެއް ވަނައިގައި އޮތީ ނައިފަރު އެވެ.

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ހުރާ އާއި ދެކޮޅަށް ކުޅުނު މެޗުން ގުރައިދޫ މޮޅުވީއިރު، މާފުށީގެ މައްޗަށް ނައިފަރުން ކުރި ހޯދައިފި އެވެ.

ގުރޫޕު ސީގައި ހޮނިހިރު ދުވަހުގެ ހަވީރު ހުރާ އަދި ގުރައިދޫ ބައްދަލު ކުރި މެޗު ގުރައިދޫ އިން ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ގުރައިދޫ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިމްހާދު ޢަބްދުލް ޤައްޔޫމް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ގުރައިދޫ އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. އެ ލަނޑު ގުރައިދޫ އަށް ޖަހައިދިނީ އިޝްއާފް އަޙުމަދު ފިރާޤު އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ގުރައިދޫގެ ތިން ވަނަ ލަނޑު ޖެހީ އިމްހާދު އެވެ. އެ ލަނޑު އޭނާ ޖެހީ މެޗުގެ 57 ވަނަ މިނެޓުގަ އެވެ. މެޗުގައި ގުރައިދޫ އިން ތިން ލަނޑު ޖެހި ފަހުން، ހުރާ އިން ވަނީ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ހުރާ އަށް އެ ލަނޑު ޖަހައިދިނީ މުޙައްމަދު ތަޝްމީން އެވެ.

ގުރޫޕު ޑީ ގައި ހޮނިހިރު ދުވަހުގެ ރޭ މާފުއްޓާ ދެކޮޅަށް ކުޅުނު މެޗު ނައިފަރުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ނައިފަރުން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތޭރަ ވަނަ މިނެޓުގައި ނައިފަރަށް ލީޑު ނަގައިދިނީ އިމްރާން މުޙައްމަދު އެވެ. މެޗުގައި މާފުށިން ވެސް ވަނީ ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށް، ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ގުރޫޕު ސީގެ އެއް ވަނައިގައި ގުރައިދޫ އޮތްއިރު، ދެ ވަނައިގައި އޮތީ އައްޑޫ އެވެ. ތިން ވަނައިގައި ކުރެންދޫ އޮތްއިރު، ހުރާ އޮތީ ފުލުގަ އެވެ. ގުރޫޕު ޑީގެ އެއް ވަނައިގައި އޮތީ ނައިފަރު އެވެ.

- ކޮމެންޓް